ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ކަނޑައެއް ނުލެވޭނެ ގުޅުމެއް: ރައީސް

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ކަނޑައެއް ނުލެވޭނެ ގުޅުމެއް: ރައީސް

Author
ހުސައިން
26 ޖުލައި 2025 12:22
0

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ ކަނޑައެއް ނުލެވޭނެ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޝަރަފުގައި ބޭއްވުނު ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިހެން ވިދާޅުވީއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުވެގެން 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ހަމައެކަނި ދެ ޤައުމު ހިއްސާކުރާ ތާރީޚެއް ނޫންކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ފުންކަން ދައްކުވައިދޭ މުހިންމު "މައިލްސްޓޯނެއް" ކަމަށެވެ.

ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަކީ ޑިޕްލޮމެޓިކް ރަސްމީ ކަންތައްތައް ފެށުމުގެ ކުރިން ޤަރުނުތަކެއް ވަންދެން ދެމިއޮތް ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ވިޔަފާރިވެރިންނާއި ދަތުރުވެރިންނާއި އަވަށްޓެރިންގެ ގޮތުގައި އިންޑިއާއާއެކު ހިއްސާކުރާ ބައިވަރު ދަތުރުތައް ނިމިދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިގެންދިޔަކަން ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ޤަރުނުތަކެއް ވަންދެން މުދަލާއި ވާހަކަތަކާއި ޚިޔާލުތައް އިންޑިއާއާ ބަދަލުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިކަމުން ދިވެހިރާއްޖެއާއި އިންޑިއާ އެއްބައިވަންތަކަން ސާބިތުވާކަމަށެވެ. މި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ ކަނޑައެއް ނުލެވޭނެ ހަރުދަނާ ގުޅުމެއްކަމަށް ރައީސް ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޝަރަފުގައި ބޭއްވުނު މި ޖާފަތުގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.