އެމްއެމްއޭއިން ވިޔަފާރި ބޭނުންތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 10 ޕަސެންޓަށް އިތުރުކޮށްފި

އެމްއެމްއޭއިން ވިޔަފާރި ބޭނުންތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 10 ޕަސެންޓަށް އިތުރުކޮށްފި

Author
ހުސައިން
22 ޖުލައި 2025 01:46
0

ވިޔަފާރިތަކުގެ އިމްޕޯޓް ބޭނުންތަކަށް، ޓީޓީ އަދި އެލްސީ ޕޭމަންޓްތައް ހެދުމަށް ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ އެމެރިކާ ޑޮލަރުގެ އިންސައްތަ 10 ޕަސެންޓަށް އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މި ބަދަލު މި ހަފުތާއިން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

މި ނިންމުމާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން މިހާރު ވިއްކަމުންދާ ޑޮލަރުގެ މިންވަރު 40 ޕަސެންޓަށް އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ. ފޮރިން އެކްސްޗޭންޖް ޤާނޫނަށް ގެނައި ބަދަލުތަކަށްފަހު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން ވިއްކާ ޑޮލަރުގެ މިންވަރު 30 ޕަސެންޓުގައި އޮތް ކަމަށާއި، އެމްއެމްއޭގެ އަމާޒަކީ މި އަދަދު 50 ޕަސެންޓަށް އިތުރުކުރުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ޖޫން މަހުން ފެށިގެން ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ މިންވަރު 60 ޕަސެންޓުން 90 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ހާމަކުރިއެވެ. ބޭންކުތަކުން އިތުރަށް ވިއްކާ 30 ޕަސެންޓް ޑޮލަރު، ކޮންމެ ހަފުތާއަކު އަލުން އަނބުރާ ބޭންކުތަކަށް ވިއްކަމުންދާ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

އަނބުރާ ބޭންކުތަކަށް ވިއްކާ މި ފައިސާ ބޭނުންކުރެވޭނީ ވަކި ކަންކަމަށް ކަމަށް ފާހަގަކޮށް، އެމްއެމްއޭއިން ބުނީ އޭގެ ތެރޭގައި އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އަދި މި ފައިސާގެ ބޮޑު ބައެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަކޮށްފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަޤްޞަދަކީ، ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަމަހަމަ ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ފޯރުކޮށްދިނުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.