އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާ: އިންޖީނަށް ތެޔޮ ކަނޑާލީ ކެޕްޓަން ކަމަށް ތަހުގީގުން ދައްކައިފި

އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާ: އިންޖީނަށް ތެޔޮ ކަނޑާލީ ކެޕްޓަން ކަމަށް ތަހުގީގުން ދައްކައިފި

Author
ހުސައިން
19 ޖުލައި 2025 09:15
0

މިދިޔަ މަހު އިންޑިއާގެ އަހްމަދާބާދުގައި 243 މީހުންގެ ފުރާނަ ގެއްލިގެން ދިޔަ އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގުން އައު މައުލޫމާތުތަކެއް ވެއްޖެއެވެ. އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، ބޯއިން 787-8 ޑްރީމްލައިނާ ބޯޓު ވެއްޓުނީ ކެޕްޓަން ސުމީތު ސަބަރަވާލް ބޯޓުގެ ދެ އިންޖީނަށް ތެޔޮ ފޮނުވުން ހުއްޓާލުމުންނެވެ.

ޖެނުއަރީ 12 ވަނަ ދުވަހު ލަންޑަނަށް ދަތުރުކުރަން ފުރި ބޯޓުގެ އިންޖީނު ކޮންޓްރޯލްކުރާ ސްވިޗް "ރަން" މޯޑުން "ކަޓް އޯފް" މޯޑަށް ބަދަލުކޮށްފައިވާ ކަމަށް ތަހުގީގުން އެނގިފައިވެއެވެ. ފުރިތާ 40 ސިކުންތު ފަހުން ދެ އިންޖީނުގެ ސްވިޗް ވެސް އޯފްކުރުމަށްފަހު، ކުޑަ އިރުކޮޅެއް ފަހުން އަލުން އޮންކުރި ކަމަށް ވެސް ތަހުގީގުން ދައްކައެވެ.

ކޮކްޕިޓް ވޮއިސް ރެކޯޑާގެ އޯޑިއޯ ތަހުލީލުކުރުމުން އެނގިފައިވާ ގޮތުގައި، ފަސްޓް އޮފިސަރު ކްލީވް ކުންދަރ ވަނީ އިންޖީނަށް ތެޔޮ ކަނޑާލި ސަބަބު ސުވާލުކޮށް، ސްވިޗް އަލުން އޮންކުރުމަށް އެދިފައެވެ. 3,403 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވާ ފަސްޓް އޮފިސަރުގެ ސުވާލުތަކާ ޚިލާފަށް، 15,638 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވާ ކެޕްޓަން ސަބަރަވާލް ނިންމި ގޮތް ބަދަލެއް ނުކުރެވެ.

ބޯޓު 650 ފޫޓު މައްޗަށް އެރުމަށްފަހު، އިންޖީނުން ޕަވަރ ކެނޑުމުން ތިރިވާން ފެށިއެވެ. އެ ވަގުތު ބޯޓުގެ އިމަޖެންސީ ޕަވަރ ސިސްޓަމް ކަމަށްވާ "ރޭމް އެއާ ޓާބައިން" ޑިޕްލޯއި ވިއެވެ. އަލުން އިންޖީނަށް ތެޔޮ ދިނުމުން ޕަވަރ އައިސް ހިނގަން ފެށި ނަމަވެސް، ބޯޓު އަލުން މައްޗަށް އެރުވުމަށް ބޭނުންވާ ވަގުތު ނުލިބުނެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ބޯޓު ފުރަތަމަ ގަސްތަކަކާއި ދުންހޮޅިއެއްގައި ޖެހުމަށްފަހު، އެއާޕޯޓާ ކައިރީގައި ހުރި މެޑިކަލް ކޮލެޖެއްގެ ކެމްޕަސް ތެރެއަށް ވެއްޓި ބޮޑު އަލިފާންގަނޑެއް ރޯވިއެވެ. ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެންމެން މަރުވި އިރު، ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި 19 މީހަކު ވެސް ފުރާނަ ގެއްލުނެވެ.

ރޮއިޓާސް އޭޖެންސީން ފާހަގަކުރި ގޮތުގައި، މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމުން، ހުރިހާ މައުލޫމާތެއް ވެސް ކަށަވަރުވެފައެއް ނުވެއެވެ. އިންޑިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި ބޯއިންގެ އެހެން ބޯޓުތަކުގެ ފިއުލް ސްވިޗްތައް ވެސް އިންސްޕެކްޓުކޮށްފައި ނަމަވެސް، އިތުރު މައްސަލައެއް ފާހަގަކުރެވިފައެއް ނުވެއެވެ.

މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި ދުނިޔޭގައި ހިނގި އެންމެ ބޮޑު ވައިގެ ދަތުރުފަތުރުގެ ހާދިސާއެވެ. ތަހުގީގުގެ ފުރިހަމަ ރިޕޯޓް ނެރުމަށް އާންމުކޮށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.