ކުރިޔަށް އޮތް 3 ދުވަހު މޫސުން ވަރަށް ގޯސްވާނެ: މެޓް އޮފީސް

ކުރިޔަށް އޮތް 3 ދުވަހު މޫސުން ވަރަށް ގޯސްވާނެ: މެޓް އޮފީސް

Author
ހުސައިން
18 ޖުލައި 2025 11:01
0

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ތިން ދުވަހު މޫސުން ވަރަށްބޮޑަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. އެންމެ ބޮޑަށް މޫސުން ގޯސްވާނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ އިދާރާގެ ލަފާގައި ވާގޮތުން ގަޑިއަކު 25 މޭލުން 30 މޭލަށް ވައި ޖެހޭނެ އިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެއެވެ. މި ހާލަތާ ގުޅިގެން ހއ އަތޮޅުން ފެށިގެން ފ އަތޮޅާ ހަމައަށް މިއަދު ހެނދުނު 9:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވެއެވެ.

ހަމައެއާއެކު ބޯކޮށް ވާރޭވެހުމާއި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ބެލެވޭތީ، ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހެނދުނު 11:00 އާ ހަމައަށް ހުދު ސަމާލު ނެރެފައިވާ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބައެއްގައި ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށް ކަމަށާއި، ކައްދޫއަށް 17.7 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް އެ އިދާރާގެ ރިކޯޑުތަކުން ދައްކައެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލުން 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އިރު، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލުން 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެވެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ އިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުމުގެ ފުރުޞަތު އޮތުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ހަފްތާ ބަންދުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކާއި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރުކުރުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިރުޝާދު ދެއްވައިފިއެވެ. އަދި އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.