އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވާތީ ސުޕްރީމް ކޯޓް ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ހަވާލުކުރަނީ

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވާތީ ސުޕްރީމް ކޯޓް ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ހަވާލުކުރަނީ

Author
ހުސައިން
17 ޖުލައި 2025 11:43
0

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހު ރިޓަޔާކުރައްވާ، އުއްތަމަ ފަނޑިޔާރަކު އައްޔަންކުރެވެންދެން ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދަށް ހަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމަވާފައެވެ. މި ނިންމުން ނިންމެވީ މިއަދު ބޭއްވުނު ކޮމިޝަނުގެ ބައްދަލުވުމުގައެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމަކީ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ގާނޫނީ ތަޢުލީމު ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިން 1992 ވަނަ އަހަރު ބެޗިލަރ އޮފް ލޯސް ހާސިލުކުރައްވައިގެންނެވެ. އޭގެ ފަހުން 1994 ވަނަ އަހަރު ސްކޮޓްލޭންޑުގެ ޔުނިވާސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ ހާސިލުކުރެއްވިއެވެ.

ތަޢުލީމު ހާސިލުކުރެއްވުމަށްފަހު 1994 އިން 2001 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުކަން ކުރެއްވިއެވެ. އޭގެ ފަހުން 2001 އިން 2005 އާ ހަމައަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީނަކަށް ހުންނެވިއެވެ. 2005 އިން 2010 އަށް ކްލިޕަ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

މުއުތަސިމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން، ލޯ ކޮމިޝަން އަދި ފޮރިން އިންވެސްޓްމަންޓް ބޯޑު ފަދަ މުހިންމު މުއައްސަސާތަކުގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އެމަނިކުފާނުގެ ޚިދުމަތް ފެށިވަޑައިގަތީ 2010 ވަނަ އަހަރުގެ އޮގަސްޓު 10 ގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ނަން ހުށަހެޅުއްވުމުންނެވެ. 2014 ވަނަ އަހަރާ ހަމައަށް އެ މަގާމުގައި ޚިދުމަތް ކުރެއްވުމަށްފަހު، 2019 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ހުށަހެޅުއްވިއެވެ. އެ އަހަރުގެ ޑިސެމްބަރު 8 ގައި މަގާމުގެ ހުވާކުރެއްވުމާއެކު، މިއަދާ ހަމައަށް އެ މަގާމުގައި ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރެއްވުމާއެކު، އާ އުއްތަމަ ފަނޑިޔާރަކު އައްޔަންކުރެވެންދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ ހަމީދަށް ހަވާލުކުރުމަށް ޖޭއެސްސީން ނިންމެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.