ވެލާނާ އެއަރޕޯޓުގެ އާ ކާގޯ ޓާމިނަލްގައި އޮފީސް ހިންގާނެ ކުންފުނިތައް ހޯދަން އިއުލާން ކޮށްފި

ވެލާނާ އެއަރޕޯޓުގެ އާ ކާގޯ ޓާމިނަލްގައި އޮފީސް ހިންގާނެ ކުންފުނިތައް ހޯދަން އިއުލާން ކޮށްފި

Author
ހުސައިން
12 ޖުލައި 2025 08:13
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އާއި ކާގޯ ޓާމިނަލް އިމާރާތުގައި ކާގޯ އޮފީސް ހަދައި ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކަށް ފުރުސަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ފުރުސަތު ހުޅުވާލެވިފައިވަނީ ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

މި ފުރުސަތަށް ކުރިމަތިލެވޭނީ އެމްސީއޭއޭގައި ކާގޯ އެއާލައިން ނުވަތަ ކާގޯ ސޭލްސް އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ކާގޯ ބްރޯކަރެއް ނުވަތަ ކުރިއާ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮތް ފަރާތްތަކަށްވެސް މި ފުރުސަތު ލިބޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން އެމްއޭސީއެލްގެ ޓެންޑާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާންޖެހޭނެއެވެ. ރަޖިސްޓްރީވުމަށްފަހު ބީލަމާ ގުޅޭ މައުލޫމާތު ފޮތް ޓެންޑާ ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ. ޓެންޑާ ޕޯޓަލްއާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ 7981289 (ސައިފް) އަށް ގުޅުއްވުން އެދިފައިވެއެވެ.

ތިން ބުރިއަށް އިމާރާތްކޮށްފައިވާ މި އާ ކާގޯ ޓާމިނަލްގެ އޮފީސް އިމާރާތުގައި އެއާލައިންތަކާއި ބްރޯކަރުންނަށް ޚާއްސަކޮށްގެން 55 އޮފީހުގެ ޖާގަ ތައްޔާރުކޮށްފައިވެއެވެ. މި އާ ޓާމިނަލަކީ ކުރީގެ ޓާމިނަލާ އަޅާބަލާއިރު ކާގޯ ހޭންޑްލިންގެ ޚިދުމަތް ތިންގުނައަށް އިތުރުކުރެވޭ ފަދަ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަނެކެވެ.

މި ޓާމިނަލް ތައްޔާރުކުރެވިފައިވަނީ އެތެރެކުރާ އަދި ބޭރުކުރާ މުދަލުގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއެކު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.