އިންޑިއާގެ އަހްމަދާބާދުން ފުރައިގެން ދިޔަ އެއާ އިންޑިއާގެ ފްލައިޓް އޭއައި-171 ވެއްޓުނު ހާދިސާގެ ތަހުގީގީ ރިޕޯޓުގެ ފުރަތަމަ ހޯދުންތައް މިއަދު އާންމު ކޮށްފިއެވެ. މިއަދި ހާމަކުރި މި ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި އިންޑިއާގެ ފްލައިޓް އޭއައި-171 އެއަރޕޯޓުގެ ރަންވޭއިން ނައްޓާލުމާއެކު ފްލައިޓުގެ އިންޖީނަށް ތެޔޮ ފޮނުވާ "ފިއުލް ސުވިޗް" ނިއްވާލާފައިވާކަން ވަނީ ހާމަވެފައެވެ. އިންޑިއާގެ އެއާކްރާފްޓް އިންވެސްޓިގޭޝަން ބިއުރޯއިން ރޭ އާންމުކުރި ރިޕޯޓުގައި މި މައުލޫމާތު ހާމަވި ނަމަވެސް، ފްލައިޓު ވެއްޓުނީ ސީދާ މި ސަބަބުންކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެހެންނަމަވެސް އޭވިއޭޝަން ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފްލައިޓްގެ އިންޖީނަށް ތެޔޮ ފޮނުވާ "ފިއުލް ސުވިޗް" ނިއްވާލުމާއެކު އިންޖީނު ހުއްޓޭނެއެވެ. އަދި މި ސުވިޗް އަލުން ޖެއްސުމުން ފްލައިޓްގެ އިންޖީނު އަލުން ހިނގަން ފަށާ، ފްލައިޓް އިންޖޫނުގެ ބާރުގައި އުދުހެން ފަށަން ވަގުތުކޮޅެއް ނަގާނެއެވެ. އިންވެސްޓިޝަންއިން މިހާތަނަށް ހާމަވެފައިވާ ގޮތުގައި މި ސުވިޗް އަލުން ޖެއްސުމުން ފްލައިޓަށް އިންޖީނުގެ އެހީގައި ރަގަޅަށް އުދުހިގަނެވުމުގެ ކުރިން ބޯޓު ވަނީ ވެއްޓިފައެވެ.
ކޮކްޕިޓް ވޮއިސް ރެކޯޑަރުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ސުވިޗް ނިއްވުމާ ގުޅޭގޮތުން ދެ ޕައިލެޓުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ރެކޯޑުވެފައިވެއެވެ. އެގޮތުން އެއް ޕައިލެޓަކު އަނެއް ޕައިލެޓާ "ފިއުލް ސުވިޗް ނިއްވީތޯ" ސުވާލުކުރުމުން، ޖަވާބުގައި އެ ސުވިޗް ނުނިއްވާކަމަށް ބުނެފައިވާކަން ރިޕޯޓުން ފާހަގަކުރެއެވެ.
ތަހުގީގުން ދައްކާގޮތުން ފްލައިޓުގެ ސްޕީޑު އެންމެ ބާރަށް ހުރީ 180 ނޮޓްގައެވެ. މިއަށްފަހު ދެ އިންޖީނަށް ތެޔޮ ލިބުން ކެނޑިފައިވާކަން ފާހަގަކުރެވުނެވެ. މިދެ އިންޖީނުން ތެޔޮ ކެނޑުނީ އެކެއްގެ ފަހުން އަނެކެއް، އެއް ސިކުންތުގެ ތަފާތުންނެވެ. ފްލައިޓު ބިމާ ގުޅުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ އިންޖީނު ވެސް ނިވި، އެހިސާބުން ފްލައިޓު ވެއްޓުނުކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެ ކުރިން އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުންގެ ލަފާގައި ފްލައިޓަށް ދޫންޏެއް ޖެހިގެން ހާދިސާ ހިނގާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، ތަހުގީގުން އެއްވެސް ވަރަކަށް ފްލައިޓުގައި ދޫންޏެއް ޖެހިފައިވާކަމުގެ ހެއްކެއް ފެނިފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަހްމަދާބާދުން ފުރައިގެން ދިޔަތާ 30 ސިކުންތު ފަހުން ހިނގި މި ހާދިސާގައި 241 މީހުން ފުރާނަ ގެއްލިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 229 ދަތުރުވެރިންނާއި 12 ފަޅުވެރިންނެވެ. މީގެ އިތުރުން ފްލައިޓު ވެއްޓުނު ބިލްޑިންގުގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 8 މީހަކު މަރުވެފައިވާކަމަށް ވެސް ރިޕޯޓުތަކުން ހާމަވެއެވެ.
ކޮމެންޓު ފޮނުވާ