މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

Author
ހުސައިން
11 ޖުލައި 2025 04:20
0

ރާއްޖޭގެ މޫސުން ނުރައްކާތެރި ހާލަތަކަށް ބަދަލުވެފައިވާތީ ގައުމީ މޫސުމާ ބެހޭ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވެއެވެ. މި ސަމާލު ނެރެފައިވަނީ ރާއްޖޭގެ ދެ ބަޔަށް ވަކިވަކިންނެވެ.

ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މެންދުރު 15:30 އިން ރޭގަނޑު 19:30 އާ ދެމެދު ހުދު ސަމާލު ދެމިއޮންނާނެއެވެ. ހަމައެއާއެކު ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މެންދުރު 14:30 އިން ރޭގަނޑު 19:30 އާ ދެމެދުވެސް ހުދު ސަމާލު ދެމިއޮންނާނެ ކަމަށް މެޓުން ބުނެފައިވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި މި މުއްދަތުގައި ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެއެވެ. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުމުގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 45 މޭލް ބާރުމިނުގައި ވައި ޖެހިދާނެ ކަމަށް ލަފާކުރެވެއެވެ.

މިދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކުރި ބޯކޮށް ވިއްސާރާގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ގިނަ ގެތަކަށް ގެއްލުން ލިބިފައިވެއެވެ. މީގެ އިތުރުން ކަނޑު ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ އުޅަނދުތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ކަނޑުތައް ގަދަވެފައިވާތީ ބޯޓެއް ދިޔަވެ އަޑިއަށް ގޮސްފައިވާ ކަމަށާއި، ގދ. ގައްދޫން ފުރައިގެން އެއަތޮޅު ގަމަށް ދަތުރުކުރަމުން ދިޔަ އުޅަނދަކުން އިއްޔެ އުމުރުން ދުވަސްވީ މީހަކު ގެއްލި، އެ މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.

މޫސުން ގޯސްވެފައިވާތީ ދަތުރުފަތުރު ކުރާއިރު ވަރަށް ބޮޑަށް ސަމާލުވުމަށާއި، ކަނޑު ދަތުރުތައް ކުރާއިރު ޚާއްސަކޮށް ފަރުވާތެރިވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.