ފުނޯސް ނަކަތުގެ ގަދައާއެކު ކަނޑުމަތީގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 7 ހާދިސާއެއް

ފުނޯސް ނަކަތުގެ ގަދައާއެކު ކަނޑުމަތީގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 7 ހާދިސާއެއް

Author
ހުސައިން
11 ޖުލައި 2025 10:36
0

ހުޅަނގު މޫސުމުގެ އެންމެ ގަދަ ނަކަތްތަކުގެ ތެރޭގައި ހިމެނޭ ފުނޯސް ނަކަތާއެކު ކަނޑުމަތީގައި ވަނީ ނުރައްކާތެރި ހާދިސާތަކެއް ހިނގައިފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިނގި 7 ހާދިސާގެ ތެރެއިން އެއް ހާދިސާގައި މީހަކު ގެއްލި، ހޯދަމުން ދާ ކަމަށް އެމްއެންޑީއެފުން އިއްޔެ ހާމަކޮށްފައިވެއެވެ.

ގދ.ގައްދޫން ޑިންގީއެއްގައި ގަމަށް ދަތުރުކުރަމުން ދިޔަ 75 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ގެއްލިފައިވާއިރު، އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުން އަދި ނަތީޖާއެއް ނުނެރެވެއެވެ. މީގެ އިތުރުން ރ.އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރި މީހަކު ގެއްލުނު ނަމަވެސް، އޭނާ ހޯދަމުން ދަނިކޮށް ދުވާފަރަށް ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.

އެހެނިހެން ހާދިސާތަކުގެ ތެރޭގައި އަރިއަތޮޅު ކައިރީގައި 4 މީހުންނާއެކު ދަތުރުކުރި އުޅަނދެއްގެ އިންޖީނު ހުއްޓި، 22 ގެސްޓުންނާއި 15 ފަޅުވެރިންނާއެކު ބ.ދަރަވަންދޫ ކައިރިން ދަތުރުކުރި ސަފާރީ ބޯޓެއް ދިޔަވި، ކ.ގިރިފިނޮޅު ކައިރީގައި 4 މީހުންނާއެކު ލޯންޗެއް ފަރަށް އެރި، މ.އަތޮޅުން 7 މީހުންނާއެކު މަހަށް ފުރި ދޯންޏެއް ގެއްލި، މާލެއިން ލ.ހިތަދޫއަށް 8 ދިވެހީންނާއި 4 ބިދޭސީންނާއެކު ދަތުރުކުރި މުދާ އުފުލާ ބޯޓެއް އަޑިއަށް ދިޔަ ހާދިސާތައް ހިމެނެއެވެ.

ޖުލައި 1 ގައި ފެށި ފުނޯސް ނަކަތުގެ 11 ވަނަ ދުވަހު މިއަދު ވެސް ކަނޑުތައް ވަރަށް ގަދަވެ، ބާރުގަދަ ކޮޅިގަނޑުތައް އައުން އާންމުވެފައިވެއެވެ. މި ނަކަތް އަންނަ ހޯމަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މެޓް އޮފީހުން މިއަދު މެންދުރުފަހު 3:30 އާ ހަމައަށް ހއ. އިން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާއިރު، ގަޑިއަކު 19-24 މޭލުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް އަންގާފައިވެއެވެ. ރާޅުގެ އުސްމިން 4.7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ދިޔަވަރު ބޮޑުއިރު އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.