މެލޭޝިޔާގައި ތައުލީމު ހާސިލްކުރާ ދިވެހި ދަރިވަރުން ދައްކަންޖެހޭ އައު ޓެކްސްގެ ފައިސާ ދިވެހި ސަރުކާރުން ދައްކަވައިދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ދެއްވައިފިއެވެ.
މެލޭޝިޔާ ސަރުކާރުން އެ ގައުމުގެ ގާނޫނަށް ގެނައި ބަދަލަކާ ގުޅިގެން، އެ ގައުމުގައި ކިޔަވާ ބޭރު ދަރިވަރުންގެ އަތުން އައު ޓެކްސެއް ނެގުމަށް ނިންމާފައިވެއެވެ. މި ޓެކްސް ދައްކަންޖެހޭނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ގިނަ ފައިސާ ޚަރަދުކުރާ ބޭރު ދަރިވަރުންނެވެ.
މިނިސްޓަރު ޑރ. ޢަލީ ޙައިދަރު ވިދާޅުވި ގޮތުގައި، މި ޓެކްސް ފައިސާ ދިވެހި ދަރިވަރުންގެ ފަރާތުން ދިވެހި ސަރުކާރުން ދައްކަވައިދެއްވުމަށް ނިންމަވާފައިވެއެވެ. މިނިސްޓްރީން މިހާރު މި މަސައްކަތް ކުރިއަށް ގެންދަވަމުން އަންނަކަމަށާއި، ޓެކްސް ދައްކަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ ދިވެހި ދަރިވަރުންނަށް މި ފައިސާ ފޮނުވޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މީގެ އިތުރުން، މި ޓެކްސްއާ ގުޅިގެން ދަރިވަރުން އިތުރު އެއްވެސް ފައިސާއެއް ދައްކަން ޖެހިއްޖެނަމަ، އެ ފައިސާވެސް ދިވެހި ސަރުކާރުން ޒިންމާވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދަރިވަރުންނަށް މި ކަމުގައި އެއްވެސް އިތުރު ބުރައެއް އުފުލަން ނުޖެހޭނެކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.
މެލޭޝިޔާއަކީ ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް އެންމެ ގިނައިން ޚިޔާރުކުރާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެ ގައުމުގައި މިވަގުތު ސަރުކާރުގެ ސްކޮލަރޝިޕްތަކުގެ ދަށުންނާއި އަމިއްލަ ޚަރަދުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރަމުން އަންނައެވެ.
ކޮމެންޓު ފޮނުވާ