ބޭންކް އޮފް ސިލޯނަށް 2 މިލިއަން ރުފިޔާ ދެއްކުމަށް ޖާހު ކުންފުންޏަށް ކޯޓުން އަމުރު ކޮށްފި

ބޭންކް އޮފް ސިލޯނަށް 2 މިލިއަން ރުފިޔާ ދެއްކުމަށް ޖާހު ކުންފުންޏަށް ކޯޓުން އަމުރު ކޮށްފި

Author
ހުސައިން
07 ޖުލައި 2025 07:59
0

ބޭންކް އޮފް ސިލޯން (ބީ.އޯ.ސީ) އަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ޖާހު ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މި ނިންމުން އައީ އޯވަޑްރާފްޓް ފެސިލިޓީއެއްގެ ދަށުން ނަގާފައިވާ ފައިސާގެ ތެރެއިން ދައްކަންޖެހޭ ބައި ނުދެއްކުމުން ބޭންކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވާ ގޮތުން، ޖާހު ކުންފުންޏަށް ދައްކަންޖެހޭނީ އިންޓަރެސްޓާއެކު ޖުލައި 2 ގެ ނިޔަލަށް ޖުމުލަ 2,001,310.39 ރުފިޔާއެވެ. މި ފައިސާ ދުވަހުން ދުވަހަށް ކަނޑައެޅިފައިވާ އަހަރަކު 19 ޕަސެންޓުގެ އިންޓަރެސްޓް ރޭޓުން، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ބޭންކަށް ދައްކަން ކޯޓުން އަންގާފައިވެއެވެ. މި ހުކުމް ކުރެވިފައިވަނީ ޖާހު ކުންފުނި ކޯޓަށް ހާޒިރުނުވެ، ގައިރު ހާޒިރުގައެވެ.

ބޭންކުން ކޯޓުގައި އެދުނީ، ޖާހު ކުންފުނިން އޯވަޑްރާފްޓް ފެސިލިޓީގެ ދަށުން ނަގާފައިވާ ފައިސާއާއި، އެ ފައިސާއަށް ދައްކަންޖެހޭ އިންޓަރެސްޓާއި ޖޫރިމަނާ އެއްފަހަރާ ހޯދުމަށެވެ. އަދި ފައިސާ ދައްކައި ނިމެންދެން ފެސިލިޓީ އެއްބަސްވުމުގެ ދަށުން ބޭންކަށް ލިބިދޭ ހައްގުތަކާއި ބާރުތައް ދެމިއޮންނާނެކަމަށް ކަނޑައެޅުމަށްވެސް ބޭންކުން އެދިފައިވެއެވެ.

މި ހުކުމް އައީ ޖާހު ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ވަގުތެއްގައެވެ. ޖާހު ކުންފުނީގެ ހިއްސާދާރުން ހިމެނޭ ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރަމުން ގެންދިޔަ "ދަ ގާޑަންސް" ނަމުގައި މަޝްހޫރު ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްވެސް މިހާރު ވަނީ އެހެން ކުންފުންޏަކާ ހަވާލުކުރެވިފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ދަ ގާޑަންސް ޓަވަރުގެ މަސައްކަތް ޖާހް އިންވެސްޓްމަންޓް އަތުން ނެގީ، ގިނަ ތާރީހުތަކެއް ކަނޑައަޅައި ދިނުމަށްފަހުވެސް މަސައްކަތް ފުރިހަމަ ނުކޮށް ލަސްވަމުން ދިޔުމުންނެވެ. 2017 ވަނަ އަހަރު ފެށުނު މި ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.