ބިންވެރިޔާ ސްކީމުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ އެއްގޮތް ކުރުމަށް: ހައުސިން މިނިސްޓަރު

ބިންވެރިޔާ ސްކީމުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ އެއްގޮތް ކުރުމަށް: ހައުސިން މިނިސްޓަރު

Author
ހުސައިން
07 ޖުލައި 2025 03:06
0

ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ކުރާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ އެ އެއްބަސްވުން ބިމާބެހޭ ގާނޫނާ ފުށުއަރާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބް ބިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވައި ވިދާޅުވެފައިވަނީ ދިރިއުޅުމަށް ގޯތި ދޫކުރެވޭނެ ގޮތް އެ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ބިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ ދިވެހިންނަށް ކަމަށެވެ.

އަދި އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެއްވެސް މީހަކަށް އެއްރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށްވުރެ ގިނަ ގޯތި ދޫކުރެވިގެން ނުވާނެ ކަމަށެވެ. އަދި މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށްވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

މިނިސްޓަރު މުއްތަލިބް މިއަދު ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނެވިފައިވަނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހޭނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.