އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓުން، އެ ކައުންސިލްގެ މާލީ ކަންކަމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަވެއްޖެއެވެ. މީގެ ތެރޭގައި ރެސްޓޯރެންޓަކަށް ސަބަބު ނޭނގޭ ގޮތަށް ފައިސާ ދޫކުރުމާއި، ކައުންސިލަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުލިބި ހުރިކަން ހިމެނެއެވެ.
އެ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ފުވައްމުލަކުގައި ހިންގާ ރެސްޓޯރެންޓަކަށް ކައުންސިލުން ވަނީ 47،520 ރުފިޔާ އިތުރަށް ދީފައެވެ. ނަމަވެސް މިއީ ކޮން އުސޫލަކުން، ކޮން ކަމަކާ ގުޅިގެން ދޫކޮށްފައިވާ ފައިސާއެއްކަން އެނގޭނެ އެއްވެސް ތަފްސީލެއް އޮޑިޓް ރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ. މިއީ ކައުންސިލްގެ ޚަރަދުތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތައް ހާމަވެގެންދާ ކަމެކެވެ.
މީގެ އިތުރުން، ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމުގައިވެސް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ރިޕޯޓުން ދައްކައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 4.3 މިލިއަން ރުފިޔާ ނުލިބި ހުއްޓެވެ. އޭގެ ތެރެއިން 2025 ވަނަ އަހަރު 747،714 ރުފިޔާ ބަލައިގަނެފައިވީ ނަމަވެސް، އަދިވެސް 3.6 މިލިއަން ރުފިޔާ ނުލިބިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ފައިސާގެ ބޮޑު ބަޔަކީ އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ލިބެންޖެހޭ ފައިސާއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކަށް ބަލާއިރު، މާލީ ގަވާއިދުތަކާ ޚިލާފަށް ކޮށްފައިވާ އެހެނިހެން ކަންތައްތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ކައުންސިލަށް ނަގަންޖެހޭ 83،998 ރުފިޔާ ނުނެގުމުގެ ސަބަބުން އެ ފައިސާ ހޯދުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އަދި މުވައްޒަފުންނަށް އެޓެންޑަންސް އެލަވަންސް ދިނުމުގައި ގަވާއިދާ ޚިލާފު އަމަލުތަކެއް ހިންގާފައިވާކަންވެސް ވަނީ ފަޅާއަރާފައެވެ.
ހަމައެއާއެކު، ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތައް މުއްދަތު ހަމަވުމުން އާކޮށްފައި ނުވުމުގެ މައްސަލަވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އެ ބިންތަކުން ކައުންސިލަށް ލިބެންޖެހޭ ކުލި ގަވާއިދުން ލިބެމުން ނުދާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ