ރާއްޖޭގެ މާލީ ހާލަތު އޮތް ނުރައްކާތެރި ފައްތަރާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ރާއްޖެ މިހާރު އޮތީ ދަރަނީގެ "ދަންތުރައެއްގައި" ރަނގަޅަށް ބަނދެވިފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ދަރަނީގެ މައްސަލައަކީ ހަމައެކަނި މިހާރު ހިނގަމުންދާ ސަރުކާރަށް އެކަނި ހައްލުކުރެވޭނެ ކަމެއް ނޫނެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިއީ މުޅި ގައުމު ޝާމިލުވާ ބޮޑު ގައުމީ މައްސަލައެކެވެ. ޚާއްސަކޮށް، ދިވެހިންނަށް އަނބުރާ ދެއްކުމަށް ނުކުޅަދާނަ މިންވަރަށް ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރިން ނަގާފައިވާ ދަރަނިތައް ދެއްކުން ކަމަށް ވާއިރު، މިއީ ގައުމު ދަރަނީގެ ދަންތުރައެއްގައި ހައްޔަރުވެފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކަށްވާ ފައިސާ މިއަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހިފައިވުމަކީ ބޮޑު ގޮންޖެހުމެކެވެ. މިކަމާ ގުޅިގެން ސަރުކާރުން އަންނަނީ ބޭރުގެ ދަރަނިތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށާއި، މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެކި ފަރާތްތަކާ އެކު މަޝްވަރާކޮށް މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ