ގދ. ކާޑެއްދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ސަރުކާރުން ކަމާގުޅޭ ކުންފުނިތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ތިނަދޫގެ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ތިނަދޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައުދުﷲ ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތް ލަސްވާކަމަށް ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ނަމަވެސް، އެ މަސައްކަތް ސަރުކާރުން ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓުގެ މައްސަލައަކީ ޝަރުއީ މަރުހަލާގެ ތެރެއިން ވަކި ބަޔަކާ ހަވާލުކުރެވިފައިވާ ތަނަކަށް ވާތީ، އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވެން އަންނަނީ ދެފަރާތުން ވާހަކަދައްކައި އެއްބަސްވުމަކަށް އައިސްގެން ކަމަށް ސައުދުﷲ ފާހަގަކުރެއްވިއެވެ. މިގޮތުން މިހާރު ކުރިއަށްދަނީ އެ މަޝްވަރާތަކާއި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށިގެން ދިއުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެ މަންޒަރު ފެނިގެންދާނެ ކަމުގެ އުންމީދު ބޮޑުކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އެއާޕޯޓުގެ އިތުރުން، ތިނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތްވެސް ފެށިފައިވާކަން ސައުދުﷲ ހާމަކުރެއްވިއެވެ. ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އަމާޒުކޮށް ބިނާކުރާ މި ހޮސްޕިޓަލް އެޅުމަށް ނިންމާފައިވަނީ ކުރިންވެސް ހޮސްޕިޓަލް ހުރި ސަރަހައްދުގައެވެ. އެއީ ރައްޔިތުންނަށް ޚިދުމަތް ހޯދަން އެންމެ ފަސޭހަ އަދި ދައުލަތަށްވެސް އެންމެ ލުއި ގޮތް ކަމަށްވާތީ، އެ ސަރަހައްދު ވަކިކޮށް ފެންސް ޖެހުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. މި ހޮސްޕިޓަލް ނިމިގެންދާއިރު ޓާޝަރީ ފެންވަރުގެ ހުރިހާ ޚިދުމަތެއް ލިބި، އިމަޖެންސީ ހާލަތްތަކުގައި އަވަސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ތިނަދޫގެ ތަރައްގީއަށް އަލިއަޅުވާލައްވަމުން ސައުދުﷲ ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ރަށުގެ ތަރައްގީ މަޑުޖެހިފައި އޮތް ނަމަވެސް، މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއެކު ރަށުގެ ހާލަތު ބަދަލުވަމުން އަންނަ ކަމަށެވެ. މިގޮތުން ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފައިވާ ހައުސިންގ މަޝްރޫއުގެ ދަށުން، 50 ހައުސިންގ ޔުނިޓުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށިގެންދާނެކަމުގެ އުފާވެރި ޚަބަރުވެސް އޭނާ ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ