ޖެނެރަލް ޝިޔާމްގެ މައްޗަށް ކުރި ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފި

ޖެނެރަލް ޝިޔާމްގެ މައްޗަށް ކުރި ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފި

Author
ހުސައިން
03 ޖުލައި 2025 10:28
0

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ. މި ނިންމުން ހައިކޯޓުން އިއުލާންކުރީ ހޯމަ ދުވަހު އެވެ.

ޝިޔާމްގެ މައްޗަށް ދައުވާކޮށްފައިވަނީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އެމްއާރުސީސީގެ އިމާރާތުގައި 2017 ވަނަ އަހަރުން ފެށިގެން އޭނާގެ ބައްޕަ ދިރިއުޅެން ބެހެއްޓި މައްސަލާގައި އެވެ. އެމްއާރުސީސީގެ ވީއައިޕީ ގޭގައި 2017 ޖުލައި 18 އިން 2018 ޑިސެމްބަރު 11ގެ ނިޔަލަށް ޝިޔާމްގެ ބައްޕަ ދިރިއުޅެފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން މި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ މިދިޔަ އޮކްޓޯބަރު 1 ގައި އެވެ. ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ދެން ދައުވާ އަނބުރާ ގެންދިއުމަށް ނިންމި އެވެ.

ޕީޖީ އޮފީހުން ދައުވާ އަނބުރާ ގެންދިއުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މައްސަލައިގެ ހާދިސާ ހިނގިތާ ހަތް އަހަރު ފާއިތުވެފައިވުމާއި، ޝިޔާމްގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް ހުށަހަޅާފައި ނުވުން ހިމެނެ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ، ސިފައިންގެ ވީއައިޕީ ގެސްޓްހައުސްގައި މީހުން ބެހެއްޓުމަށް ލިޔެވިފައިވާ ހާއްސަ އުސޫލެއް ނެތް ކަމާއި، ސިފައިންގެ އާއިލާގެ މީހުންނާއި ދައުވަތަށް އަންނަ މެހެމާނުން އެކި މުއްދަތަށް ބައިތިއްބައި ހިދުމަތް ދޭ ކަމަށެވެ. އަދި ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒުގައި ބެހެއްޓީ ނުފޫޒެއް ބޭނުންކޮށްގެން ކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.