އެންސްޕާއިން މެއި މަހު އެކަނި އޭޑީކޭއާއި ޓްރީޓޮޕަށް 7 މިލިއަން ރުފިޔާ

އެންސްޕާއިން މެއި މަހު އެކަނި އޭޑީކޭއާއި ޓްރީޓޮޕަށް 7 މިލިއަން ރުފިޔާ

Author
ހުސައިން
02 ޖުލައި 2025 07:45
0

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ މެއި މަހު ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުގެ ދަށުން 14 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މި ފައިސާގެ ތެރެއިން 7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި ފަރާތްތަކަށެވެ.

އެންސްޕާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މެއި މަހު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި 190 ފަރާތަކަށް 3.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެތެރެއިން ކާޑިއޯވެސްކިއުލާ ބަލިތަކުގެ ފަރުވާއަށް 994،871.81 ރުފިޔާ، މައިބަދަ އަދި ނާރުގެ ފަރުވާއަށް 507،457.75 ރުފިޔާ އަދި ކަށީގެ ބަލިތަކުގެ ފަރުވާއަށް 432،119.03 ރުފިޔާ ހިމެނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި 334 ފަރާތަކަށް އެންސްޕާއިން 4.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދުވެފައިވަނީ ކަށީގެ ބަލިތަކުގެ ފަރުވާއަށް ކަމަށްވާއިރު، 53 ފަރާތަކަށް 1.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ވިހެއުމާ ގުޅޭ ފަރުވާތަކަށް 399،943.18 ރުފިޔާ އަދި އަންހެނުންގެ ބަލިތަކާ ގުޅޭ ފަރުވާތަކަށް 391،447.01 ރުފިޔާ ހަރަދުވެފައިވެއެވެ.

މުޅި ޖުމްލަ އެންސްޕާއިން މެއި މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ހަރަދުކޮށްފައިވާ 14،236،810.51 ރުފިޔާގެ ތެރެއިން، ރާއްޖޭގައި ފަރުވާ ކުރުމަށް 10،327،236.56 ރުފިޔާ ހަރަދުކޮށްފައިވާއިރު، ރާއްޖެއިން ބޭރުގައި ފަރުވާ ކުރުމަށް 3،909،573.95 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އެންސްޕާއަކީ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އުފެދުނު މުއައްސަސާއެކެވެ. މި އިދާރާއިން ހިންގަމުންދާ މައިގަނޑު ޕްރޮގްރާމްތަކުގެ ތެރޭގައި ޤައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި މައިންބަފައިންނަށް ދެވޭ އެހީ، ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީ އަދި ފަގީރު ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ އެހީގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.