ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ މޫސުމަށް ސަމާލުވޭ!

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ މޫސުމަށް ސަމާލުވޭ!

Author
ޢަލީ އާދަމް
04 ޖެނުއަރީ 2021 10:37
0

މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މިރެއާއި މާދަމާ ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އެންމެ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް ކަނޑު ގަދަވާނެކަމަށާއި، ރާޅުތަކުގެ އުސްމިން ގާތްގަނޑަކަށް 2 ފޫޓާއި 5 ފޫޓަށް އަރާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ވަނީ މިރޭ އެކެއްޖެހުމާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް ވައިޓްއެލަރޓްވެސް ނެރެފައެވެ. އެގޮތުން ހއ. އަތޮޅާއި އދ. އަތޮޅާދެމެދަށް ދަންވަރު އެކެއްޖެހުމާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.