ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތައް ރަޖިސްޓްރީކުރާނީ 25 އަހަރުގެ ކުލި ދެއްކުމުން

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތައް ރަޖިސްޓްރީކުރާނީ 25 އަހަރުގެ ކުލި ދެއްކުމުން

Author
ހުސައިން
28 ޖޫން 2025 06:31
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ 4000 ފްލެޓު ރަޖިސްޓްރީކޮށްދޭނީ 25 އަހަރުގެ މުއްދަތަށް ކަނޑައެޅިފައިވާ ކުލި ފުރިހަމައަށް ދެއްކުމުން ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ހާމަކުރެއްވީ، މި އުސޫލު ގެންގުޅެން ނިންމީ ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ލުއިފަސޭހަ ކުރުމަށެވެ. މިގޮތުން ފްލެޓުތަކުގެ އެއްބަސްވުންތައް ހަދާނީ ކުއްޔަށް ދޭ ތަނެއްގެ ގޮތުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ކުރިމަތިވެފައިވާ މިންވަރު ބޮޑުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި ސިޔާސަތު ބަދަލުކުރީ އެކަން ހައްލުކުރުމަށެވެ. ރައްޔިތުންގެ މަޖިލިހުން ފާސްކުރަން ތައްޔާރުވާ ގެދޮރުވެރިކަމުގެ ބިލުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ކުލި ނުދެއްކުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހައުސިން މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށް ދަތިވުން ކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ. އެކްސްރޯ އެކައުންޓު މެދުވެރިކޮށް ބޭންކުތަކަށް ލޯނު އަނބުރާ ދައްކަންޖެހޭ އިރު، ކުލި ނުލިބުމުގެ ސަބަބުން ދައުލަތަށް އިތުރު ލޯނު ނެގުމަށް ދަތިވާ ކަމަށާއި، މިކަމުގެ ސަބަބުން އިތުރު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެޗްޑީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހުޅުމާލޭގައި އެ ކުންފުނިން ބަލަހައްޓާ 8511 ހައުސިން ޔުނިޓުގެ ތެރެއިން 5099 ފްލެޓަކުން ކުލި ނުދައްކާ ކަން ފާހަގަކުރެވެއެވެ. މިއީ ޖުމްލަ ފްލެޓުތަކުގެ 60 ޕަސެންޓަށް ވުރެ ގިނަ އަދަދެކެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކުރާ 4000 ފްލެޓުގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެފްޑީސީން ބުނި ނަމަވެސް، ވަޒީރު މުއްތަލިބު ވިދާޅުވީ މިހާތަނަށް ފުރިހަމައަށް ނިމިފައިވަނީ 1000 ފްލެޓު ކަމަށެވެ. ޖުލައި މަހުގެ ތެރޭގައި މި ފްލެޓުތަކަށް ފެނާއި ކަރަންޓު ގުޅައި ނިންމާނެ ކަމަށާއި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓެއް ހަވާލުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.