ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަބޫދާބީގެ ވަލީއަޙްދު އަދި ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބޫދާބީގެ ވަލީ އަހްދާ ބައްދަލުކުރެއްވީ އެމަނިކުފާނު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ދަށުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއޭއީން ރާއްޖެއާ މެދު ބާއްވަވާ އެކުވެރި ގުޅުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އަބޫދާބީގެ ވަލީ އަޙްދުވަނީ ދެ ގައުމުގައި ކޯވިޑް-19ގެ ހާލަތު އޮތްގޮތާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އަބޫދާބީގެ ވަލީ އަހްދުވަނީ މަސްވެރިކަމާއި ފަތުރުވެރިކަމާއި ދަތުރުފަތުރާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާއިން އެގައުމުން މިހާރުވެސް ރާއްޖެއަށް ދެމުންދާ އެހީތައް ކުރިޔަށް އޮތް ތަނުގައިވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް ޔޫއޭއީއަށް ވަޑައިގެން އުޅުއްވަނީ އަމިއްލަ ދަތުރުފުޅެއްގައެވެ.
ކޮމެންޓު ފޮނުވާ