ކައްބާގެ އުރަކޮޅު ހިޖުރީ އާ އަހަރާ ގުޅުވައި ބަދަލުކޮށްފި

ކައްބާގެ އުރަކޮޅު ހިޖުރީ އާ އަހަރާ ގުޅުވައި ބަދަލުކޮށްފި

Author
ހުސައިން
26 ޖޫން 2025 12:38
0

ހިޖުރީ 1447 ވަނަ އަހަރު ފެށުމާ ގުޅިގެން ސައުދީ އަރަބިއްޔާގެ ސަރުކާރުން މުޤައްދަސް ކައްބާގެ ކިސްވާ ނުވަތަ އުރަކޮޅު ބަދަލުކޮށްފިއެވެ. 2023 ވަނަ އަހަރުން ފެށިގެން ކައްބާގެ އުރަކޮޅު ބަދަލުކުރުމުގެ ވަގުތު ބަދަލުކޮށް، ހިޖުރީ އާ އަހަރު ފެށުމާ ގުޅުވައި މި މަސައްކަތް ކުރުމަށް ސައުދީ ސަރުކާރުން ނިންމާފައިވެއެވެ. މީގެ ކުރިން މި އުރަކޮޅު ބަދަލުކުރަމުން އައީ ކޮންމެ އަހަރެއްގެ ހައްޖު މަހުގެ 9 ވަނަ ދުވަހު، އަރަފާތު ދުވަހުގައެވެ.

ސައުދީ އޮފިޝަލުންގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އަހަރުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތުގައި 154 ޓެކްނީޝަނުންނާއި ފަންނީ މާހިރުން ބައިވެރިވެފައިވެއެވެ. އުރަކޮޅު ބަދަލުކުރުމުގެ ރަސްމިއްޔާތު ފެށިގެން ދިޔައީ އިއްޔެގައި ކަމަށާއި، ކުރީގެ އުރަކޮޅު ނެގުމުގެ މަސައްކަތް ނިމުމަށްފަހު މިއަދު އާ އުރަކޮޅު ލުމުގެ މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

ކައްބާގެ އުރަކޮޅަކީ ވަރަށް ޚާއްޞަ ގޮތަކަށް ތައްޔާރުކުރެވޭ އެއްޗެކެވެ. މި އަހަރު ތައްޔާރުކުރެވުނު އުރަކޮޅުގައި ވެސް 825 ކިލޯގްރާމްގެ އެންމެ ރަނގަޅު ފެންވަރުގެ ކަޅު ފަށުތްވާއި، 120 ކިލޯގްރާމްގެ ރަން ތަރި އަދި 60 ކިލޯގްރާމްގެ ރިހި ތަރި ބޭނުންކޮށްފައިވެއެވެ. ރަނާއި ރިހީގެ ތަރިން ވިޔެވިފައިވަނީ ޤުރްއާނުގެ ބަރަކާތްތެރި އާޔަތްތަކެވެ. މުޅި އުރަކޮޅުގެ ބަރުދަނަކީ ގާތްގަނޑަކަށް 1,415 ކިލޯގްރާމެވެ.

ކައްބާގެ އުރަކޮޅު ބަދަލުކުރުމަކީ އިސްލާމީ ދުނިޔޭގައި ވަރަށް އަހަންމިއްޔަތުކަން ބޮޑު ކަމެކެވެ. މި އުރަކޮޅަކީ ގެފުޅު ޒީނަތްތެރިކޮށް ޝަރަފުވެރިކަން އިތުރުކޮށްދޭ ވަރަށް ޚާއްޞަ ހެދުމެކެވެ. ކޮންމެ އަހަރަކު މި އުރަކޮޅު އާކުރުމަކީ ދިގު ތާރީޚެއް ހުރި ކަމުގައި ވާއިރު، މިހާރު މި އާދަ ކުރިއަށް ގެންދަނީ ހިޖުރީ އާ އަހަރު ފާހަގަކުރުމުގެ ގޮތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.