ތިނަދޫ ކައުންސިލުން ރައްވެހިކަން ބަދަލުކުރުމަށް ނަގާ 5000 ރުފިޔާއަކީ ގަވާއިދާ ހިލާފު ފީއެއް: އެލްޖީއޭ

ތިނަދޫ ކައުންސިލުން ރައްވެހިކަން ބަދަލުކުރުމަށް ނަގާ 5000 ރުފިޔާއަކީ ގަވާއިދާ ހިލާފު ފީއެއް: އެލްޖީއޭ

Author
ހުސައިން
25 ޖޫން 2025 08:40
0

ތިނަދޫ ސިޓީ ކައުންސިލުން ރައްވެހިކަން ބަދަލުކުރުމަށް އެދޭ ފަރާތްތަކުގެ އަތުން ނަގަމުންދާ 5000 ރުފިޔާއަކީ ގަވާއިދާ ހިލާފަށް ނަގާ ފީއެއް ކަމުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީން ބުނެފިއެވެ. މިކަން ހާމަކުރެއްވީ އެލްޖީއޭގެ ލީގަލް، މޮނިޓަރިން އެންޑް އިންވެސްޓިގޭޝަން ސެކްޝަންގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު، މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެލްޖީއޭއިން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ރައްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުގެ އަތުން ފީ ނުނެގުމަށް އަންގާފައިވާއިރުވެސް، ތިނަދޫ ކައުންސިލުން މި ފީ ނަގަމުން އައިސްފައިވާތީ އެލްޖީއޭގެ ބޯޑުން މި އަމަލު ކުށްވެރިކޮށްފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއަށް ހުށަހެޅުނު 19 މައްސަލައެއް ތަހުގީގުކުރުމަށްފަހު، ކައުންސިލުގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް އެލްޖީއޭއިން ނިންމާފައިވެއެވެ. ކައުންސިލުގެ އެހެން މެންބަރުންނަށް ވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ކައުންސިލަށް ލިބިފައިވާ ވާޖިބުތައް އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް މޭޔަރާއި އެހެން މެންބަރުން އަމަލުކޮށްފައިވާ ކަމަށް ބުނެ، އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން ގިނަ މައްސަލަތައް ހުށަހެޅިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާލީ ވުޒާރާގެ ހުއްދަނެތި ކައުންސިލުގެ ބިޑް ކޮމިޓީއާއި ބިޑް އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދިނުމާއި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ ހިލާފަށް ޕްރޮކިއުމަންޓުތައް ސްޕްލިޓް ކޮށްގެން ކުރިއަށް ގެންދިއުން ވެސް މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވުމާއި އެންގުންތަކަށް އަމަލު ނުކުރުމުގެ އިތުރުން، ކައުންސިލުގެ އޮފިޝަލުން ސޯޝަލް މީޑިއާގައި ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭ ގޮތަށް ޕޯސްޓްކުރަމުން ދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސިވިލް ސާވިސް ގާނޫނާއި ގަވާއިދާ ހިލާފަށް ވޭޖު އުސޫލުން އިއުލާން ނުކޮށް މުވައްޒަފުން ނެގުމާއި، ވަކި ފަރާތަކަށް މަންފާވާގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމާއި، ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަކިގޮތަކަށް ކަންކަން ކުރުވުން ވެސް ތަހުގީގުގައި ފާހަގަކުރެވިފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.