ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އީއެންވީ ޕޮސް ނަމުގައި އާ ޕްރޮގްރާމެއް ތައާރަފުކޮށްފި އެވެ. މި ޕްރޮގްރާމުގެ ދަށުން ބީއެމްއެލް ކާޑު މެޝިންތައް ބޭނުންކޮށްގެން ކުރެވޭ ކޮންމެ މުއާމަލާތަކުން ވަކި އަދަދެއް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ޚާއްސަކުރުމަށް ބޭންކުން ނިންމާފައި ވެއެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ޕްރޮގްރާމުގައި ކަސްޓަމަރުންނާއި ވިޔަފާރިތަކުން އެއްވެސް އިތުރު އަގެއް ދައްކާކަށް ނުޖެހޭނެ ކަމަށް ބޭންކުން ހާމަކޮށްފައި ވެއެވެ. އީއެންވީ ޕޮސް މެޝިންތަކުގައި ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެވޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މިހާރުގެ ހިސާބުތަކަށް ބަލާއިރު އީއެންވީ ޕޮސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު އަހަރަކު 5.5 މިލިއަން ރުފިޔާ ވަރުވާނެ އެވެ. މުއާމަލާތްތަކުގެ އަދަދު އިތުރުވާ ވަރަކަށް، މި ޕްރޮގްރާމަށް ލިބޭ ފައިސާގެ އަދަދު ވެސް އިތުރުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މިއީ އަޅުގަނޑުމެން އެއްފަހަރު ހިންގާލާ ކެމްޕޭނެއް ނޫން. މިއީ ތިޔަބޭފުޅުންގެ އެހީތެރިކަމާއެކު އީއެންވީ ޕޮސްގައި ކުރެވޭ ކޮންމެ މުއާމަލާތަކާއެކު ހިނގަމުންދާނެ ދިގު މުއްދަތުގެ، ދެމެހެއްޓެނިވި މަސައްކަތެއް،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، ބޭންކުން ބޭނުންވަނީ ދުވަހުން ދުވަހަށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް ތިމާވެށި ރައްކާތެރިކުރުމުގެ ބާރަކަށް ބަދަލުކޮށްލުމަށެވެ. ކާބޯތަކެތި ގަންނަ ކަމުގައި ވިޔަސް، ރެސްޓޯރަންޓަކަށް ފައިސާ ދައްކާ ކަމުގައި ވިޔަސް، ނުވަތަ އެހެން ޚިދުމަތަކަށް ފައިސާ ދައްކާ ކަމުގައި ވިޔަސް، ބީއެމްއެލް ޕޮސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ކަސްޓަމަރުންނަށް އޭނާ ބާރުއަޅުއްވާފައި ވެއެވެ.
އެންވީ ޕޮސް ޕްރޮގްރާމުގެ ދަށުން ލިބޭ ފައިސާ ބޭނުންކުރެވޭނީ އިތުބާރުހުރި، ތަޖުރިބާކާރު ޖަމިއްޔާތަކާއި ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫއުތަކަށް ކަމަށް ބޭންކުން ބުންޏެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ރީސައިކަލްކުރުން، ސާފުތާހިރުކަން އިތުރުކުރުމުގެ ޕްރޮޖެކްޓްތަކާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ހިމެނޭނެ އެވެ.
ގައުމީ ބޭންކްގެ ހައިސިއްޔަތުން ބީއެމްއެލް އަކީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އަބަދުވެސް ކުރިސަފުގައި ހުންނާނެ ބޭންކެއް ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ. މުޅި ރާއްޖެއަށް ފެތުރިފައިވާ ބޭންކިންގ ނެޓްވޯކަކާއި، އޭޓީއެމް އަދި ޑިޖިޓަލް ބޭންކިންގ ޚިދުމަތްތަކާއެކު، ބީއެމްއެލް އަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު މުއައްސަސާ އެވެ.
ކޮމެންޓު ފޮނުވާ