މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ ތިން މަގާމަށް މެންބަރުން އިންތިޚާބުކުރި ނަމަވެސް، އެ މެންބަރުންނަށް މަގާމުގެ ޒިންމާ ހަވާލުކުރުން ލަސްވަމުން ދާކަމަށް ބުނެ މީޑިއާ ދާއިރާގެ ފަރާތްތަކުން ފާޑުކިޔަން ފަށައިފިއެވެ.
ޔޫތް މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ކާމިޔާބު ކުރީ އަދަދު ނޫހުގެ ލީވާން އަލީ ނަސީރާއި، ދައުރު ނޫހުގެ މުޒައްޔިން ނާޒިމާއި، އާންމު މެންބަރެއްގެ ގޮތުގައި ހައްވާ ވަޖުދާއެވެ.
މީޑިއާ ކައުންސިލުގެ ރައީސް ހުސެއިން ސަގީފް ބައެއް މީޑިއާތަކަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވީ، އާދައިގެ ގޮތުން ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވުމަށްފަހު އާދިއްތަ ދުވަހު އެ މެންބަރުން މަގާމަށް އައްޔަންކުރުމަށް ސިޓީ ފޮނުވާ ކަމަށެވެ. ނަމަވެސް މިފަހަރު "ކޮންމެވެސް ސަބަބަކާހުރެ" މިނިސްޓްރީން އެކަން ލަސްކުރަމުން ގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ލަސްވުމާ ގުޅިގެން އިންތިޚާބުގައި ވާދަކުރި އަމިއްލަ ކެންޑިޑޭޓެއް ކަމުގައިވާ މުހައްމަދު އަމީން، އެމްއެމްސީއަށް ޝަކުވާއެއް ހުށަހަޅައިފައިވާ ކަމަށް ސަގީފް ވިދާޅުވިއެވެ. މީގެއިތުރުން އިންތިޚާބުގައި ކާމިޔާބު ހޯދި ދެ މެންބަރަކު ވެސް މަގާމު ހަވާލުވުން ލަސްވާތީ، އެކަން ސާފުކުރުމަށް އެދި އެމްއެމްސީ އަށް ސިޓީ ފޮނުވައިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ޔޫތް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މި މައްސަލާގައި ވިދާޅުވީ، ކެންޑިޑޭޓަކު ހުށަހެޅި ޝަކުވާއެއް ބަލަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް ޝަކުވާގެ ތަފްސީލު ހާމަކުރެއްވި ނަމެއް ނެތެވެ.
ލިބިފައިވާ މަޢުލޫމާތުގެ ދަށުން، މުހައްމަދު އަމީން ޝަކުވާ ހުށަހެޅީ އިންތިޚާބަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ނުލިބުނު ކަމަށް ބުނެއެވެ. އޭނާއަށް އިންތިޚާބުގައި އެއްވެސް ވޯޓެއް ނުލިބުނު އިރު، މި މައްސަލައިގައި ކޯޓަށް ދާނެ ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް ވެއެވެ.
އެމްއެމްސީގެ ހުސް މަގާމުތަކަށް މެންބަރުން ހޮވުމުގެ އިންތިޚާބު ބޭއްވީ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހު ކަމަށްވާއިރު، އިންތިޚާބުގެ ނަތީޖާ ސާފުކޮށް އޮތް ނަމަވެސް އާ މެންބަރުންނަށް މަސައްކަތް ފެށުމުގެ ފުރުސަތު ނުލިބި ލަސްވަމުން ދިއުމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ