ސަރުކާރުގެ ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގެ ދަށުން ހިންގާ ތިން ސްކީމަށް ޖުމްލަ 2،256 އެޕްލިކޭޝަން ލިބިފައިވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކޮށްފިއެވެ. މިގޮތުން ރަށްވެހި ފައިނޭންސިން ސްކީމަށް 1،329 ފަރާތަކުން އެދިފައިވާއިރު، ސަހަރު ފައިނޭންސިން ސްކީމަށް 586 އެޕްލިކޭޝަނާއި، ފަހިމާލެ ފައިނޭންސިން ސްކީމަށް 341 އެޕްލިކޭޝަން ހުށަހެޅިފައިވެއެވެ.
މިމައުލޫމާތު ހާމަކުރެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މިރަސްމިއްޔާތަކީ ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގެ ދަށުން ލޯނު ދޫކުރުމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި ބީއެމްއެލް އިސްލާމިކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެވެ.
މިނިސްޓަރު ވިދާޅުވީ ލިބިފައިވާ އެޕްލިކޭޝަންތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، އެ މަސައްކަތް ނިމުމުން ވީ އެންމެ އަވަހަކަށް ބީއެމްއެލްއަށް އެޕްލިކޭޝަންތައް ފޮނުވާނެކަމަށެވެ. ނަމަވެސް ލޯނު ދޫކުރާނެ ތާރީހެއް ކަނޑައެޅިގެން ބުނެދެވޭކަށް ނެތްކަމަށާއި، އެހެންނަމަވެސް ވީހާވެސް އަވަހަކަށް ލޯނުތައް ދޫކުރުމަކީ ބޭންކާއި މިނިސްޓްރީގެ އަމާޒުކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ މި ޕްރޮގްރާމަކީ، ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓު ބޮޑުނުވާ ގޮތަށް އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ދޫކުރާ ފައިނޭންސިންގެ ޕްރޮގްރާމެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާހް ކުރި މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މެއި 31 ގެ ނިޔަލަށެވެ.
ރަށްވެހި ފައިނޭންސިން ސްކީމުގެ ދަށުން އަތޮޅުތަކުގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެއެވެ. އާބަން ސެންޓަރުތަކުގެ ރައްޔިތުންނަށް ސަހަރު ފައިނޭންސިން ސްކީމުގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ހަމަޖެހޭނެއެވެ. މާލެ ސަރަހައްދުގެ ރައްޔިތުންނަށް ފަހިމާލެ ފައިނޭންސިން ސްކީމުގެ ދަށުން ހަ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭއިރު، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ހޯދުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
މިއަހަރުގެ ބަޖެޓުގައި ހިޔާވަހި ފައިނޭންސިން ސްކީމަށް ސަރުކާރުން އެއް ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ބޭންކުތަކުގެ ބައިވެރިވުމާއެކު ޖުމްލަ ދެ ބިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރެވޭނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ ވައުދު ފުއްދުމަށް ފަށްޓަވާފައިވާ މުހިންމު ޕްރޮގްރާމެކެވެ.
ކޮމެންޓު ފޮނުވާ