އަލްމަރްހޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ނަމުގައި ބަންގްލަދޭޝްގައި ބިނާކުރަން ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި މަރްޙޫމްގެ ދެ ދަރިން އެ ޤައުމަށް ހިގައްޖެއެވެ.
މަރްޙޫމް ޝައިޚް ފަރީދުގެ ހަނދާނުގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝްގައި ދެ މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށް ޚިދުމަތް ޖަމިއްޔާއިން ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުން ހާމަކޮށްފައެވެ. އެ ޖަމިއްޔާއިން ޝާއިޢުކުރި އޯޑިއޯ މެސެޖެއްގައި މަރްޙޫމްގެ ދަރިން ވަނީ މި މުހިންމު މަސައްކަތުގައި ބައިވެރިވެ އެހީތެރިވި ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.
ބަންގްލަދޭޝްގައި ބިނާކުރަން ނިންމާފައިވާ މިސްކިތަކީ 250 ސްކުއެއަރ މީޓަރުގެ ބިމެއްގައި 455 މީހުންގެ ޖާގައިގައި ބިނާކުރާ މިސްކިތެކެވެ. މި މިސްކިތް ބިނާކޮށް ނިންމުމަށް ގާތްގަނޑަކަށް 760،000 ރުފިޔާ ޚަރަދުވާނެކަމަށް ޚިދުމަތް ޖަމިއްޔާއިން ވަނީ ލަފާކޮށްފައެވެ.
މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު މެލޭޝިޔާއަށް ދަތުރުފުޅެއް ކުރައްވާ މަތިންދާބޯޓުން ފައިބާވަޑައިގަންނަވަނިކޮށް ވެއްޓިވަޑައިގެން ލިބިވަޑައިގަތް އަނިޔާތަކާ ގުޅިގެން ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވީ މެލޭޝިޔާގެ ބޭސްފަރުވާގެ މަރުކަޒެއްގައި ފަރުވާ ދެމުންދަނިކޮށެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ފާހަގަކުރެވޭ ޝަޚްޞިއްޔަތެއް ކަމުގައިވާ އަލްމަރްހޫމް ޝައިޚް ފަރީދު ވަނީ ޖޫން މަހުގެ 11 ވަނަ ދުވަހު މެލޭޝިޔާގެ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައި ފަސްތާނުލާފައެވެ. މަރްޙޫމްގެ ކަށުނަމާދު ކުރެވުނީ މެލޭޝިޔާގެ ސެލަންގޯ ސްޓޭޓުގައި ހުންނަ ހާޖީ ފީސަބީލިﷲ މިސްކިތުގައި މެންދުރު ނަމާދަށްފަހުއެވެ. ކަށު ނަމާދުގައި ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ