ކޭ-ޕާރކް މައްސަލައިގައި ތުހުމަތުކުރެވޭ މަންޑޭ ޝަރީޢަތް ނިމެންދެން ބަންދުގައި

ކޭ-ޕާރކް މައްސަލައިގައި ތުހުމަތުކުރެވޭ މަންޑޭ ޝަރީޢަތް ނިމެންދެން ބަންދުގައި

Author
ހުސައިން
23 ޖޫން 2025 04:07
0

ހުޅުމާލޭގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރި ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދައި އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާ އުފުލާފައިވާ މއ.އެރަލްސީ، ޙަސަން މަމްދޫޙް (މަންޑޭ) ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މިއަދު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި މައްސަލަ ބަލާ ފަނޑިޔާރު އަލީ ނަދީމް ފާހަގަކުރެއްވި ގޮތުގައި، ކޯޓުން ތާވަލުކުރާ ޝަރީޢަތްތަކަށް މަންޑޭ ހާޒިރުނުވެ، މެޑިކަލް ރިޕޯޓްތައް ހުށަހަޅަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެ ރިޕޯޓްތަކުގައި ޝަރީޢަތަށް ހާޒިރުވެވޭވަރުގެ ޞިއްޙީ މައްސަލައެއް އޮތްކަމަށް ބަޔާންކޮށްފައި ނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޝަރީޢަތް އޮންނަ ދުވަސްތަކުގައި މަންޑޭ މަގުމަތިން ފެންނަކަމުގެ ރިޕޯޓްތައް އެކި ފަރާތްތަކުން ލިބިފައިވާކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މިކަންކަމަށް ރިޢާޔަތްކޮށް، ޝަރީޢަތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ އެއްބާރުލުން ނުދޭކަމަށް ނިންމައި، ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު މަންޑޭގެ މައްޗަށް 105 ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. މި މައްސަލައިގައި ހަންބޯ ކޮމްޕެނީގެ 95 ޕަސެންޓް ޙިއްޞާ އޮންނަ ޖިން ޝިހޫގެ ހުއްދަނެތި، އޭނާގެ ނަމުގައި ސައްޙަނޫން ސޮއިތަކެއް ޖަހައި ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާކަމަށް ތުހުމަތުކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ ގެ ބަލައި ފާސްކުރިއިރު، އޭނާގެ ޕެންޓްހައުސްއިން ފެނުނު ގަހަނާއާއި އަތްދަބަހާއި ސެންޓުގެ އަގު 7 މިލިއަން ރުފިޔާއަށްވުރެ މަތިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.