އަންހެނުންނަށް ލިބޭ ވިހެއުމުގެ ޗުއްޓީގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް ހޯދުމުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ހަޔާ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ހައިދަރު ވިދާޅުވީ، މި މައްސަލައަކީ ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމެއްކަމަށާއި، މިކަމުގެ ޙައްލެއް ހޯދުމަށްޓަކައި ކޮންސަލްޓޭޝަން މަސައްކަތްތައް ކުރިއަށް ގެންދެވެމުންދާކަމަށެވެ.
މެންބަރު ޒިޔާދު މަޖިލީހުގައި ފާހަގަކުރެއްވި ގޮތުގައި، އަންހެނުންނަށް ވަޒީފާ ދިނުމުގައި ދަރިން ހޯދުމުގެ ޕްލޭންތައް އޮތްތޯ ކުންފުނިތަކުން ސުވާލުކުރާކަމަށާއި، މި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ވެސް ހުށަހަޅާފައިވާކަމަށެވެ. އަދި މި ކަންކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން އޭނާ ސުވާލުކުރެއްވިއެވެ.
2019 ވަނަ އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރީގެ ސަރުކާރުން ވަނީ އަންހެނުންނަށް 6 މަސްދުވަހުގެ ވިހެއުމުގެ ޗުއްޓީއާއި ފިރިހެނުންނަށް 1 މަސްދުވަހުގެ ޗުއްޓީ ދިނުމުގެ ސިޔާސަތު ތަންފީޒުކޮށްފައެވެ. މި ބަދަލާއެކު ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ތަންތަނުން ވެސް މި އުސޫލު ތަންފީޒުކޮށްފައިވެއެވެ.
އެހެންނަމަވެސް މިހާރު ބައެއް ކުންފުނިތަކުން އަންހެން މުވައްޒަފުންނަށް މި ޗުއްޓީ ދިނުމަށް ދެކޮޅުހަދާކަމާއި، އަލަށް މުވައްޒަފުން ނެގުމުގައި މާބަނޑު އަންހެނުންނަށް ފުރުޞަތު ނުދޭކަމުގެ ޝަކުވާތައް ލިބެމުންދެއެވެ. އިންޓަވިއުތަކުގައި ދަރިން ހޯދުމުގެ ޕްލޭންތަކާ ބެހޭގޮތުން ސުވާލުކުރުމުގެ ޢަމަލުތައް ވެސް އިތުރުވަމުންދާކަމަށް މުވައްޒަފުން ޝަކުވާކުރެއެވެ.
ކޮމެންޓު ފޮނުވާ