ތިނަދޫގައި ހިއްކި ބިންތަކަށް ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރެވޭނީ ފަންޑު ލިބުމުން: މުއްތަލިބު

ތިނަދޫގައި ހިއްކި ބިންތަކަށް ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރެވޭނީ ފަންޑު ލިބުމުން: މުއްތަލިބު

Author
ހުސައިން
18 ޖޫން 2025 11:42
0

ގދ. ތިނަދޫގައި 2010 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިއްކި ބިންތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ހާމަކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2010 ވަނަ އަހަރު ހިއްކާފައިވާ ބިންތަކުގެ ތެރެއިން ގިނަ ތަންތަނުގައި މިހާތަނަށް ފެނާއި ނަރުދަމާއާއި ކަރަންޓުގެ އަސާސީ ޚިދުމަތްތައް ގާއިމްކޮށްފައެއް ނުވެއެވެ.

ތިނަދޫގައި ހިއްކާފައިވާ 50 ހެކްޓަރުގެ ބިމުގެ ސަރަޙައްދަށް އަސާސީ ޚިދުމަތްތައް ގާއިމްކުރުމަށް ބޮޑު ޚަރަދެއް ހިނގާނެތީ، ދައުލަތުގެ ބަޖެޓުން ސީދާ ޚަރަދުކުރުމުގެ ބަދަލުގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އައްޑޫ ސިޓީއާއި އޭދަފުށީގައި ވެސް މިފަދަ މައްސަލަތައް ހުރިކަން ފާހަގަކުރައްވަމުން، މި ސަރަޙައްދުތައް އާބާދުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށް އަމިއްލަ ފަރާތްތަކާ ގުޅިގެން ފައިނޭންސިންގ އޮޕްޝަންތައް ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާކަމަށް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.

ފައިނޭންސިންގ ފޯރުކޮށްދޭނެ ޕާޓްނަރެއް ފެނިއްޖެ ހިނދެއްގައި، ލިބޭ ތަރުތީބުން މި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެކަމަށް ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ޔަގީންކަން ދެއްވިއެވެ. މިއީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިގު މުއްދަތެއް ވަންދެން ލިބެމުން ނުދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.