ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނަށް ގާތްގަނޑަކަށް 5 ލައްކަ ރުފިޔާގެ ރިޓަޔަރމަންޓް އެލަވަންސްއާއެކު މަހަކު 70،000 ރުފިޔާގެ އިތުރު އެލަވަންސެއް ދިނުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދުމަށްފަހު ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިދިޔަ މެއި މަހު މުއުތަސިމް އަދުނާން ރިޓަޔަރކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވުމާ ގުޅިގެން، އެމަނިކުފާނަށް އިތުރު އެލަވަންސް ލިބިވަޑައިގަންނަވާނެ ގޮތަށް ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު އިސްލާހުކުރުމަށް ޖޭއެސްސީން ނިންމައި، މަޖިލީހުގެ ލަފާ ހޯދުމަށް ފޮނުވާފައިވެއެވެ.
ހުށަހެޅިފައިވާ އިސްލާހުގެ ދަށުން ރިޓަޔަރމަންޓް އެލަވަންސް ދިނުމުގައި ފަނޑިޔާރުކަމުގައި ހޭދަކުރި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ޚިދުމަތްކުރި މުއްދަތު ހިމަނާނެއެވެ. މިގޮތުން މުއުތަސިމްއަށް މިހާރު ގާތްގަނޑަކަށް ލިބިވަޑައިގަންނަވާ 185،100 ރުފިޔާގެ ބަދަލުގައި 493،600 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި ޑްރައިވަރެއްގެ މުސާރައާއި ޕެޓްރޯލް ޚަރަދާއި ލިވިންގ އެލަވަންސަށް މަހަކު 70،000 ރުފިޔާ ދިނުމަށް ހިމަނާފައިވެއެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން މި އިސްލާހާ ދެކޮޅު ހައްދަވާފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ތާއީދުކުރައްވާފައިވެއެވެ. ބަހުސް ހޫނުވުމުން އިއްޔެގެ ބައްދަލުވުމުގެ އެބައި ކުރުކޮށްލާފައިވާކަމަށް ރިޕޯޓުކުރެވިފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ފާހަގަކުރެއްވީ، މި އިސްލާހަކީ ދައުލަތަށް އިތުރު ޚަރަދެއް ކުރަންޖެހޭ ކަމެއްކަމަށް ވާތީ ފިނޭންސް މިނިސްޓްރީގެ ލަފާ ބޭނުންވާކަމަށެވެ. އޭނާ ހުށަހެޅުއްވި ހުށަހެޅުމަށް ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ތާއީދުކުރެއްވުމުން، ކޮމިޓީގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްވިކަމަށް ރިޔާސަތުގައި އިންނެވި ކޮމިޓީގެ ނައިބު މުޤައްރިރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިޢުލާނުކުރެއްވިއެވެ.
އިއްޔެގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، އުއްތަމަފަނޑިޔާރުގެ ރިޓަޔަރމަންޓް ޕެކޭޖް ބޮޑުކުރަނީ ކޮންމެވެސް "ޑީލް"އެއްގެ ދަށުންކަމަށް ތުހުމަތުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ