ސިނަމާލެ ބުރިޖަކީ މުޖުތަމަޢުގެ ތަރައްޤީގައި އިންޖިނިއަރުންގެ މުހިންމު ދައުރު ފާހަގަކޮށްދޭ ބިނާއެއް: ޗައިނާ ސަފީރު

ސިނަމާލެ ބުރިޖަކީ މުޖުތަމަޢުގެ ތަރައްޤީގައި އިންޖިނިއަރުންގެ މުހިންމު ދައުރު ފާހަގަކޮށްދޭ ބިނާއެއް: ޗައިނާ ސަފީރު

Author
ހުސައިން
16 ޖޫން 2025 12:26
0

ސިނަމާލެ ބުރިޖަކީ މުޖުތަމަޢުގެ ތަރައްޤީގައި އިންޖިނިއަރުންގެ މުހިންމު ދައުރު ފާހަގަކޮށްދޭ ބިނާއެއް ކަމުގައި ދިވެހިރާއްޖޭގައި ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމާ ގުޅިގެން ސަފީރު ކޮންގް ޒިއަންހުއާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދެ ޤައުމުގެ އިންޖިނިއަރުންގެ ފަންނީ ހުނަރުން އެޅި ސިނަމާލެ ބުރިޖުން ދިވެހިންގެ ދިރިއުޅުމާއި އިޤުތިޞާދަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ.

"އިންޖިނިއަރުންނަކީ ދިރިއުޅުމާއި މުޖުތަމަޢުގެ ކުރިއެރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެއް. އެބޭފުޅުންނަށް ލިބެންޖެހޭ އިހްތިރާމާއި ޤަދަރު ލިބެންޖެހޭ،" ސަފީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާދީއްތަ ދުވަހު ނިންމެވި ގޮތުގައި، ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ދުވަހެވެ. މި ތާރީޚު ޚާއްޞަކުރެވިފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް 30 ގައި ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވިފައިވާތީއެވެ.

ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އުމްރާނީ މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވޭ ސިނަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފެށުނީ 2014 ވަނަ އަހަރުގައެވެ. 3 އަހަރާއި 11 މަސް ދުވަހުގެ މަސައްކަތަށްފަހު ނިމިފައިވާ މި ބުރިޖުގެ ދިގުމިނަކީ 1.39 ކިލޯމީޓަރެވެ.

20.3 މީޓަރު ފުޅާމިނުގައި ބިނާކުރެވިފައިވާ ބުރިޖުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ ދެ ލޭނާއި، ސައިކަލް ދުއްވުމަށް ވަކި ދެ ލޭނެއް ހިމެނެއެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދިގު ޒަމާނެއްގައި ޤާއިމުވެފައިވާ އެކުވެރިކަމުގެ ގުޅުން ދައްކުވައިދޭ ރަމްޒެއްގެ ގޮތުގައި މި ބުރިޖު ދެ ޤައުމުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.