އެއަރ އިންޑިއާގެ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި 270 މީހުންގެ ހަށިގަނޑު ފެނިއްޖެ

އެއަރ އިންޑިއާގެ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި 270 މީހުންގެ ހަށިގަނޑު ފެނިއްޖެ

Author
ހުސައިން
16 ޖޫން 2025 09:12
0

އިންޑިއާގެ އަހްމަދުއާބާދުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެއަރ އިންޑިއާގެ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި 270 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ހާމަކޮށްފިއެވެ.

ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދަތުރުކުރަން ތައްޔާރުވި ބޮއިން ޑްރީމްލައިނާ 787-8 މަތިންދާބޯޓު، ސަރްދާރު ވަލްލަބާއީ ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ އެންމެ 60 ސިކުންތުގެ ތެރޭގައި ވަނީ ވެއްޓިފައެވެ. މަތިންދާބޯޓުގައި ތިބި 242 ފަސިންޖަރުންނާއި ފަޅުވެރިންގެ ތެރެއިން އެންމެ މީހަކު ފިޔަވައި ބާކީ އެންމެން ވަނީ މަރުވެފައެވެ.

މި ހާދިސާ ހިނގީ ބީޖޭ މެޑިކަލް ކޮލެޖް އެންޑް ސިވިލް ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ތިބޭނެ ތަން ގޮތުގައި ބޭނުންކުރާ އިމާރާތަކަށް މަތިންދާބޯޓު ވެއްޓިގެންނެވެ. މިހާދިސާގައި ބޯޓު ވެއްޓުނު މީހުން ދިރިއުޅޭ ސަރަހައްދައްވެސް، ވަރަށް ބޮޑު ގެއްލުންތަކެއް ލިބިފައިވެއެވެ.

އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން މި ހާދިސާ ތަހުގީގުކުރަމުން ދާއިރު، އެމެރިކާ އާއި އިނގިރޭސިވިލާތުގެ ސްޕެޝަލިސްޓުންގެ އެހީތެރިކަން ވެސް ހޯދާފައިވެއެވެ. މަރުވި މީހުންގެ އަދަދު ޔަގީންކުރުމާއި އެމީހުންގެ ވަނަވަރު ދެނެގަތުމަށް ޑީއެންއޭ ޓެސްޓިންގެ މަސައްކަތް ކުރިއަށް ގެންދެވެމުން ދާއިރު، މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ޢާއިލާތަކުން ދީފައިވާ ޑީއެންއޭ ސާމްޕަލްތައް މެދުވެރިކޮށް މަރުވި މީހުން ދެނެގަނެވިފައިވެއެވެ.

ފްލައިޓް ޓްރެކިން ސަރވިސް ފްލައިޓްރާޑާ24 އިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން މި މަތިންދާބޯޓަކީ 11 އަހަރު ވެފައިވާ ބޯޓެއް ކަމަށާއި، ފާއިތުވި ދެ އަހަރުގެ ތެރޭގައި އަހްމަދުއާބާދުން ލަންޑަނަށް 25 ފްލައިޓް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެނގެއެވެ.

މިފަދަ ބޮޑު ހާދިސާއެއް ހިނގުމުން އިންޑިއާގެ އެވިއޭޝަން ސޭފްޓީ ގަވާއިދުތަކާ މެދު ސުވާލުތައް އުފެދި، މުޅި ޤައުމު ވަނީ ހިތާމައާއި ކަންބޮޑުވުމުގެ ތެރެއަށް ވެއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.