ޝަމްއާންގެ ބަންދު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންގޮސްފި

ޝަމްއާންގެ ބަންދު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންގޮސްފި

Author
ހުސައިން
15 ޖޫން 2025 07:56
0

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

އިމިގްރޭޝަންގެ މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗު 22ގައެވެ. އޭޕްރިލް 6ގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކުރިއެވެ. ހައިކޯޓުން އޭޕްރިލް 29ގައި ބަންދު އަމުރުތައް ދަމަހައްޓާފައި ވެއެވެ.

ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ކޮރަޕްޝަން މައްސަލަތައް ބެލުމަކީ އޭސީސީގެ މަސްއޫލިއްޔަތެއް ކަމަށާއި، އެ ކޮމިޝަން ބައިވެރިނުކޮށް ފުލުހުން އެކަނި މައްސަލަ ބެލުމަކީ ޖިނާއީ އަދުލުގެ ނިޒާމާ ޚިލާފު ކަމެއް ކަމަށެވެ.

ދައުލަތުގެ ވަކީލު ހައްވާ ނާހީ ރައްދުދެއްވި ފުލުހުން މައްސަލަ ބެލީ މަނީ ލޯންޑަރިންގެ ކުށާ ގުޅުވައި ކަމަށާއި، މަނީ ލޯންޑަރިންގެ ކުށް ބެލުމުގެ އިޚްތިޞާޞް ފުލުހުންނަށް ލިބިގެންވާ ކަމަށެވެ. ވަކީލު އައިމިނަތު ޝާމާ ނަސީރު ވިދާޅުވި ހެކިން މައްސަލައަށް ނުފޫޒު ފޯރުވިދާނެތީ ޝަމްއާން ބަންދުން ދޫނުކުރެވޭނެ ކަމަށެވެ.

ދައުލަތުން އެދުނީ ޝަމްއާން ހުށަހެޅި ނުކުތާތަކަކީ އިސްތިއުނާފު ނުކުރެވޭނެ ނުކުތާތައް ކަމަށް ކަނޑައެޅުމަށާއި، ނުވަތަ ހައިކޯޓުގެ ނިންމުން ދަމަހައްޓައިދިނުމަށެވެ. ސުޕްރީމް ކޯޓުން މައްސަލަ ދިރާސާކުރުމަށްފަހު ހުކުމް އިއްވާނެ ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.