ކަސްޓަމްސްގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށް ހިންގާ ސްކޭމަށް ސަމާލުވާން އިލްތިމާސް ކޮށްފި

ކަސްޓަމްސްގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށް ހިންގާ ސްކޭމަށް ސަމާލުވާން އިލްތިމާސް ކޮށްފި

Author
ހުސައިން
14 ޖޫން 2025 09:50
0

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ނަމުގައި ޕޭމަންޓް ދެއްކުމަށް އެދި އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން ސްކޭމް ހިންގަމުންދާތީ، އެ އިދާރާއިން ރައްޔިތުންނަށް ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އެ އިދާރާއިން އެއްވެސް ޕޭމަންޓެއް ދެއްކުމަށް ލިންކާއެކު އެސްއެމްއެސް ނުފޮނުވާނެ ކަމަށެވެ. މި ސްކޭމްގައި ފޮނުވާ މެސެޖުތަކުގައި ބުނަނީ، ކަސްޓަމްސް ފީ ނުދައްކާތީ ޕޯސްޓުން އޯޑަރުކުރި ތަކެތި ޑެލިވަރީ ނުކުރެވޭނެ ކަމަށެވެ. އަދި އޯޑަރު ލަސްނުވިޔަ ނުދިނުމަށްޓަކައި ފައިސާ ދެއްކޭނެ ލިންކެއް ވެސް މެސެޖުގައި ހިމަނާފައި ހުރެއެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ޢީދު ބަންދުގައި އެކަނި 35 ސްކޭމް މައްސަލަ ރިޕޯޓުކުރެވުނު އިރު، އެ ހަފުތާގައި ތިން ލައްކައެއްހާ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ މަޢުލޫމާތުން އެނގެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުން، ސްކޭމް މައްސަލަތަކުގައި އެންމެ ބޮޑަށް ބޭނުންކުރަނީ ވައިބަރ އަދި ފޭސްބުކް މާކެޓް ޕްލޭސް ކަމަށެވެ. އެހެންކަމުން، މި ޕްލެޓްފޯމްތަކުން އޮންލައިން މުޢާމަލާތްކުރާއިރު ވަރަށް ސަމާލުވުމަށާއި، އޯޓީޕީ ކޯޑްތަކާއި ޕާސްވޯޑްތައް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ނަސޭހަތްތެރިވެއެވެ.

މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ސްކޭމް މައްސަލަތަކުގައި ޖުމުލަ 2.5 މިލިއަން ރުފިޔާ ގެއްލިފައިވާ އިރު، މިހާތަނަށް ހޯދިފައިވަނީ އޭގެ ތެރެއިން ހަތް ލައްކަ ރުފިޔާ އެކަނި ކަމަށެވެ.

އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކުރީ، ސްކޭމަކަށް ޝައްކުކުރެވޭ ނަމަ ވަގުތުން އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށެވެ. މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އޮންލައިން މުޢާމަލާތްތަކުގައި ވަރަށް ބޮޑަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.