ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ ރަސްމީކޮށް ފެށިއްޖެއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު މި މުހިންމު އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ވަނީ، މަތީތަޢުލީމާއި ތަމްރީނު އަދި ވެލްނަސް ދާއިރާގެ 200 އަށްވުރެ ގިނަ ފުރުސަތުތަކެއް ރާއްޖޭގެ ޒުވާނުންނަށް ހުޅުވާލެވިފައިވާ ކަމަށް ފާހަގަކުރައްވާފައެވެ.
އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ރާއްޖެއިން ބޭރުގެ އެކި ޔުނިވަރސިޓީތަކުގައި ދިވެހި ދަރިވަރުން ގިނަ އަދަދަކަށް މަތީ ތަޢުލީމް ހާސިލްކުރަމުންދާ ކަމަށެވެ. ނަމަވެސް ބޭރުގެ ޔުނިވަރސިޓީތަކަށް ދާއިރު އެތަނަކީ ކޮންފެންވަރެއްގެ ތަނެއްތޯ ބަލައި ކަށަވަރުކުރުމުގެ މުހިންމުކަން ވަޒީރު ހާމަކުރެއްވިއެވެ. މިކަމަށްޓަކައި ވުޒާރާއާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގުޅިގެން އުސޫލްތަކެއް އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (މެކްސް) އިން އިންތިޒާމްކޮށްފައިވާ މި އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 40 ފަރާތަކުން ބައިވެރިވެފައިވެއެވެ. ބައިވެރިންގެ ތެރޭގައި ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ އިތުރުން އޮސްޓްރޭލިއާ، ޔޫކޭ، މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި ފިލިޕިންސްގެ ނަންގިރު ޔުނިވަރސިޓީތަކާއި މަތީތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތައް ހިމެނެއެވެ.
އެކްސްޕޯގައި ތަޢުލީމާއި ވެލްނަސް ދާއިރާއިން 100 އަށްވުރެ ގިނަ ފުރުސަތުތައް ހުޅުވާލާފައިވާއިރު، އޭގެތެރޭގައި ބިޒްނަސް، އެކައުންޓިން، އައިޓީ، ހޮސްޕިޓަލިޓީ، މެޑިސިން، ނާރސިންގ ފަދަ އާންމު ދާއިރާތަކުގެ އިތުރުން ބައޯ މެޑިކަލް ސައިންސް، ގޭމް ޑިވެލޮޕްމަންޓް، ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ކޮންޓިޓީ ސާރވޭއިން، އިލެކްޓްރިކް، އޭވިއޭޝަން، އާރކިޓެކްޗަރ، ފެޝަން، އިންޓީރިއަރ ޑިޒައިނިން ފަދަ ރާއްޖެއަށް މުހިންމު ޚާއްޞަ ދާއިރާތައްވެސް ހިމެނެއެވެ. މި ކޯސްތަކުގައި ފައުންޑޭޝަން ލެވެލްއިން ފެށިގެން ޕީއެޗްޑީ ލެވެލާ ހަމައަށް ތަޢުލީމު ހާސިލުކުރެވޭނެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މި އެކްސްޕޯ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އާ ދެމެދުގައެވެ. މިއީ ރާއްޖޭގެ ޒުވާނުންނަށް މަތީތަޢުލީމާއި ވެލްނަސް ދާއިރާގައި ކުރިއަށް ދިއުމަށް ލިބިފައިވާ މުހިންމު ފުރުސަތެއް ކަމުގައި ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ