އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހާއަށް ސަލާމަތް ވެވުނީ، ބޯޓު ވެއްޓުނު ވަގުތު އިމަޖެންސީ ދޮރުން ފުންމާލައިގެންކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 38 އަހަރުގެ ވިޝްވާސްކުމާރު ރަމޭޝް ސަލާމަތްވީ، މަތިންދާބޯޓު ވެއްޓުމުގެ އެންމެފަހު ވަގުތު ފުންމާލުމުންނެވެ. އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ރަމޭޝް އިންޑިއާއަށް ޒިޔާރަތްކޮށް، އެނބުރި ދާންއުޅެނިކޮށް ދިމާވި މި ހާދިސާގައި، އޭނާ އިނީ އިމަޖެންސީ އެގްޒިޓް ކައިރީގައި ހުންނަ ސީޓް ނަންބަރު 11އޭ ގައެވެ.
އަހްމަދުއާބާދުގެ އާސާރްވާ ސިވިލް ހޮސްޕިޓަލުގައި ފަރުވާ ލިބެމުންދާ ރަމޭޝް ބުނެފައިވަނީ، ފުރުމަށްފަހު 30 ސިކުންތު ތެރޭގައި ބާރު އަޑަކާއެކު މަތިންދާބޯޓު ވެއްޓުނުކަމަށެވެ. މަތިންދާބޯޓު ތިރިވަމުންދިޔައިރު، އޭނާ އިމަޖެންސީ ދޮރު ހުޅުވާ، ފުންމާލިކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ފުންމާލުމުގެ ސަބަބުން ރަމޭޝްގެ ބުރަކައްޓަށާއި ލޮލަށް އަދި ފަޔަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭނާ ސަރަހައްދުން އެހެން މީހުންނާއެކު ހިނގާފައިދާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ.
ފުއްމާލުމަށްފަހު،، އެތައް ހަށިގަނޑެއް ވަށައިގެން ހުރިކަމާއި، މަތިންދާބޯޓުގެ ހަލާކުވެފައިވާ ބައިތައް އޭނާގެ ވަށައިގެން ހުރިތަން ފެނުނުކަމަށް ރަމޭޝް ހާމަކޮށްފައިވެއެވެ. އޭނާ ބުނި ގޮތުގައި، މި މަންޒަރު ފެނުމުން ވަރަށް ބޮޑަށް ބިރުގަނެ، ދުއްވައިގަނެވުނު ކަމަށެވެ.
ރަމޭޝް އިންޑިއާއަށް އައީ އާއިލާއާ ބައްދަލުކުރުމަށް ކުރު ދަތުރެއްގައި ކަމަށާއި، އެނބުރި އިނގިރޭސިވިލާތަށް ދަތުރުކުރަމުން ދިޔައީ އޭނާގެ 45 އަހަރުގެ ބޭބެ އަޖޭ ކުމާރު ރަމޭޝްއާ އެކުގައިކަމަށް ރިޕޯޓްތަކުން ބުނެއެވެ. މި ހާދިސާގައި އަޖޭ ކުމާރު ރަމޭޝްގެ ޙާލަތު ސާފެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ