މީރާއަށް މެއި މަހު ރިކޯޑު އާމްދަނީއެއް: 2.1 ބިލިއަން ރުފިޔާ ބަލައިގަތް

މީރާއަށް މެއި މަހު ރިކޯޑު އާމްދަނީއެއް: 2.1 ބިލިއަން ރުފިޔާ ބަލައިގަތް

Author
ހުސައިން
12 ޖޫން 2025 09:45
0

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މެއި މަހު ރިކޯޑު އާމްދަނީއެއް ލިބި، ޖުމުލަ 2.1 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ ފާއިތުވި އަހަރުގެ މެއި މަހާ އަޅާބަލާއިރު 30.5 ޕަސެންޓުގެ ކުރިއެރުމެކެވެ. ހަމައެއާއެކު، މެއި މަހަށް ލަފާކުރި އާމްދަނީއަށް ވުރެ 7.3 ޕަސެންޓު އިތުރަށް ލިބިފައިވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

އާމްދަނީ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީއެސްޓީ އާއި ގްރީން ޓެކްސް އާމްދަނީ އިތުރުވުން ކަމަށް މީރާއިން ބުނެއެވެ. މިގޮތުން، މިއަހަރުގެ މާޗު މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2024 ގެ މާޗު މަހާ އަޅާބަލާއިރު 4.8 ޕަސެންޓު އިތުރުވެފައިވެއެވެ.

މީގެ އިތުރުން، ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކްސް ރޭޓު ބޮޑުކޮށް، ޑިސެންބަރު މަހުން ފެށިގެން އެއަރޕޯޓް ޓެކްސް އާއި ފީތަކުގެ ރޭޓު އިތުރުކުރުމުންވެސް އާމްދަނީ އިތުރުވުމަށް މަގުފަހިވެފައިވާ ކަމަށް މީރާއިން ވިދާޅުވެއެވެ.

އަދި މެއި މަހުގެ ތެރޭގައި ރިސޯޓު ތަރައްޤީކުރާ ބިންތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށް ބައެއް ކުންފުނިތަކުން ކޯޕަރޭޓް ސޯޝަލް ރިސްޕޮންސިބިލިޓީ ފީ ދައްކާފައިވުމުންވެސް އަންދާޒާކުރި އާމްދަނީއަށްވުރެ އިތުރަށް ފައިސާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ބަލައިގަތް އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް ކަމުގައިވާ 62.5 ޕަސެންޓު ނުވަތަ 1.36 ބިލިއަން ރުފިޔާ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. ގްރީން ޓެކްސްގެ ގޮތުގައި 204.9 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 167.5 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 165.1 މިލިއަން ރުފިޔާ، އާމްދަނީ ޓެކްސްގެ ގޮތުގައި 133.3 މިލިއަން ރުފިޔާ އަދި ވާރކް ޕާމިޓް ފީގެ ގޮތުގައި 63.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ ތެރޭގައި 104.74 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަން އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.