އިންޑިއާއިން އިނގިރޭސިވިލާތަށް ދަތުރުކުރަމުން ދަނިކޮށް އެއަރ އިންޑިއާގެ ބޯޓު ވެއްޓުމުގެ ހާދިސާގައި ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު ނިޔާވެއްޖެކަން ކަށަވަރު ވެއްޖެއެވެ. މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ ތެރޭގައި އިންޑިއާގެ ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު ވިޖޭ ރޫޕާނީ ހިމެނިވަޑައިގަންނަވާކަން އިންޑިއާ ސަރުކާރުން ރަސްމީކޮށް ވަނީ ކަށަވަރުކޮށްދީފައެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ކިންޖަރާޕޫ، ހާދިސާ ހިނގި ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، 2016 އިން 2021 އަށް ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ކުރެއްވި ވިޖޭ ރޫޕާނީގެ ފުރާނަ މި ހާދިސާގައި ގެއްލިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އެކަމަކު އޭނާގެ ހަށިގަނޑު އަދި ފެނިފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން އިންޑިއާގެ މީޑިއާތަކުން ވިޖޭ ރޫޕާނީ މި މަތިންދާބޯޓުގައި ދަތުރުކުރައްވާކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، ސަރުކާރުން އެވަގުތު އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މީސް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެނިގެން ދިޔައީ ވިޖޭ ރޫޕާނީ މަތިންދާބޯޓުގެ ބިޒްނަސް ކްލާހުގެ ސީޓެއްގައި އިންނަވާ މަންޒަރެވެ. މީގެ އިތުރުން މަތިންދާބޯޓުގެ ފަސިންޖަރުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނޭކަން ދައްކުވައިދޭ ފޮޓޯތަކެއްވެސް ހާމަވެފައިވެއެވެ.
ކޮމެންޓު ފޮނުވާ