ކޯވިޑްއާ ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް 220 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 31 ވަނަ ދުވަހާއި ހަމައަށް 17147 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކޮށްފައެވެ. އަދި އެމީހުންނަށް ދޫކުރި އިންކަމް ސަޕޯޓް އެލަވަންސްގެ ޖުމްލަ 221.1 މިލިއަން ރުފިޔާއަށް އަރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ލިބޭނެއެވެ.
އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ. ޖޮބް ސެންޓަރގެ ވެބްސައިޓުގައި އިންކަމް ސަޕޯޓު އެލަވަންސް ލިބޭ ފަރާތްތަކުގެ މައުލޫމާތުތައް ދަނީ ހިއްސާކުރަމުންނެވެ.
ކޮމެންޓު ފޮނުވާ