ޝައިޚް ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގައި

ޝައިޚް ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގައި

Author
ހުސައިން
11 ޖޫން 2025 09:28
0

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މެލޭޝިއާ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.

އިސްލާމިކް ޓޫރިޒަމްގެ ވިޔަފާރިއާ ގުޅޭ މަޝްވަރާތަކަށް އޭނާގެ ދެ އެކުވެރިންނާ އެކު މެލޭޝިއާއަށް ވަޑައިގެން ހުންނެވި ޝައިޚް ފަރީދު ނިޔާވީ މިދިޔަ ހޯމަ ދުވަހު ހަވީރު މަތިންދާ ބޯޓުން ފާބައިވަޑައިގަންނަވަނިކޮށެވެ.

މެލޭޝިއާ ހައިކޮމިޝަނުން ވިދާޅުވި ގޮތުގައި ޝައިޚް ފަރީދުގެ މައްޗަށް ކަށު ނަމާދު ކުރެވޭނީ ސައިބަ ޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. އަދި އޭނާ ވަޅުލެވޭނީ ތަނާހް ޕްރަކުބުރަން އިސްލާމް ރައުދުލް ބަގީގައި ކަމަށް ވެސް ހައިކޮމިޝަނުން ބުނެފައިވެއެވެ. މައްޔިތާއަށް ޒިޔާރަތްކުރުމަށް މެލޭޝިއާ ގަޑިން މިއަދު 11:00 އިން 12:30 އާ ދެމެދު ވަގުތު ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެވޭނީ އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު ހުރިހާ މިސްކިތެއްގައި ކަމަށް ދީނީ ކަންކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ޝައިޚް އިބްރާހީމް ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ނުހަނު އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ދީނީ ދަރުސްތައް ދެއްވުމާއި ދީނީ ފޮތްތައް ލިޔުއްވުމުގެ އިތުރުން އިސްލާހީ ހަރަކާތުގައި ވެސް އޭނާ އިސްކޮށް ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާހީ ހަރަކާތުގެ ތެރެއިން ބޭއްވި އެއްވުންތަކުގައި ތަގުރީރު ކުރެއްވުމާ ގުޅިގެން އޭރުގެ ސަރުކާރުން އޭނާ ކިތަންމެ ފަހަރަކު ހައްޔަރުކޮށް ޖަލަށް ލާފައިވެއެވެ. އޮގަސްޓު 12-13 ގެ މަޝްހޫރު އެއްވުމުގައި ބައިވެރިވި ކަމަށް ބުނެ ހައްޔަރުކުރި ފަހަރު ވެސް ހިމެނެއެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ޝައިޚް ފަރީދުގެ މައްޗަށް ކުރިން އުފުލާފައުވާ ކަން ފާހަގަކުރެވެއެވެ. ނަމަވެސް އޭނާގެ ދީނީ ޚިދުމަތްތަކާއި އިލްމީ މަސައްކަތްތައް ރާއްޖޭގެ ގިނަ ބަޔަކު ގަދަރުކޮށް ހަނދާންކުރާނެ ކަމުގައި ދީނީ ދާއިރާގެ ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.