މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ. މި ތަކެތި ހޯދާފައިވަނީ ކަސްޓަމްސްއިން ރޭ ހިންގި ހާއްސަ އޮޕަރޭޝަނަކުންނެވެ.
ކަސްޓަމްސްއިން ހާމަކުރި މައުލޫމާތުގައި ވާގޮތުން، މި މަސްތުވާތަކެތި ފޮރުވާފައި ހުރީ ޕްލާސްޓިކް ގަސް ޕޮޓުތަކުގެ ތެރޭގައެވެ. އެ އިދާރާއިން ހިއްސާކުރި ފޮޓޯތަކާއި ވީޑިއޯތަކުން މި މަންޒަރު ސާފުކޮށް ފެންނަން ހުރެ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، އަތުލައިގަތް މި މަސްތުވާތަކެތީގެ ބްލެކް މާކެޓް އަގު 26 މިލިއަން ރުފިޔާއާ ކައިރިކުރާނެ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުތަކާ އެއްގޮތަށް ރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކުރުމަށް ކަސްޓަމްސް މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއީ މުހިންމު ކާމިޔާބީއެއް ކަމުގައި ފާހަގަކުރެއްވި އެވެ.
އިހްސާން ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހުރި ފުރުސަތުތައް ބަންދުކޮށް، އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމުގައެވެ. މިއީ ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ