މެލޭޝިޔާއަށް ވަޑައިގަތުމަށްފަހު އެއާޕޯޓުގައި ވަގުތުކޮޅެއް ތެރޭގައި ހުއްޓާ ނިޔާވި، ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ހަށިގަޑު ވީހާ އަވަހަކަށް މާލެ ގެނައުމަށް އާއިލާއިން މަސައްކަތް ފަށާފައިވާ ކަމަށް އާއިލާގެ ފަރާތުން މަޢުލޫމާތު ދީފިއެވެ. ޝައިހްއާ އެކު މެލޭޝިޔާއަށް ދިޔަ ޓީމުގެ މެންބަރަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޖަނާޒާގެ ކަންކަން މާލޭގައި ބޭއްވުމަށް އާއިލާއިން ބޭނުންވާ ކަމަށާއި، މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ދިވެހި މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި އައްޝައިހް އިބްރާހިމް ފަރީދަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު އިލްމުވެރިއެކެވެ. ދީނީ ދަޢުވަތުގެ މަސައްކަތުގައި އެތައް ގޮންޖެހުމަކާ ކުރިމަތިލައްވައި، އެންމެ އުނދަގޫ ދުވަސްވަރުގައި ވެސް ދީނީ ހޭލުންތެރިކަމުގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ޝައިހް ފަރީދުގެ ކުއްލި ވަކިވުމަކީ ދިވެހި މުޖުތަމަޢަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވާއިރު، ގިނަ ބަޔަކު މި ހިތާމަވެރި ޚަބަރާ ގުޅިގެން އާއިލާއަށް ތަޢުޒިޔާ ކިޔަމުން ދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ