ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއްކަމުގައިވާ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދު އަވަހާރަވެއްޖެއެވެ. މެލޭޝިއާގެ އެއާޕޯޓުގައި އިމިގްރޭޝަން ކައުންޓަރުތަކާ ހަމައަށް ވަޑައިގަންނަވަނިކޮށް ހޭނެތިވަޑައިގަތުމުން އަވަސް ފަރުވާ ދެއްވިނަމަވެސް، އިރުކޮޅެއް ފަހުން އަވަހާރަވީކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޝައިޚް ފަރީދުގެ އަވަހާރަވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޚިދުމަތަށް ލިބުނު ބޮޑު ދެރައެއްކަމަށެވެ. ތަޢުޒިޔާގެ ބަސްފުޅުގައި ވަޒީރު ފާހަގަކުރެއްވީ، މަރުޙޫމަކީ ދީނީ ދަޢުވަތުގެ މައިދާނުގައި ބޮޑެތި ޤުރުބާނީތަކެއް ދެއްވި ޚިދުމަތްތެރި ބޭފުޅެއްކަމަށެވެ.
"ޝައިޚް ފަރީދަކީ އިސްލާމީ މަސައްކަތުގައި ނުހަނު ފާހަގަކޮށްލެވޭ އުސްތާޛެއް. ބައްދަލުވާ ކޮންމެ ފަހަރަކު ހެޔޮ ނަސޭހަތް ދެއްވި، ގާތްކަން ބޭއްވެވި ބޭފުޅެއް،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ އަވަހާރަވުން އިސްލާމީ ދަޢުވަތުގެ މައިދާނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ. ވުޒާރާއިން ފާހަގަކުރެއްވީ މަރުޙޫމަކީ ދީނީ ދަޢުވަތުގެ މައިދާނުގައި މަޝްހޫރުވެވަޑައިގެންނެވި، ހިތްވަރުގަދަ، ޚިދުމަތްތެރި ޢިލްމުވެރިއެއްކަމަށެވެ.
ޝައިޚް އިބްރާހިމް ފަރީދަކީ ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމާއި ދަޢުވަތުގެ ތާރީޚުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ އަވަހާރަވުމުން ދިވެހި މުޖުތަމަޢަށް، ޚާއްސަކޮށް ދީނީ ދާއިރާއަށް ލިބުނު ގެއްލުމަކީ ފޫނުބެއްދޭނެ ގެއްލުމެކެވެ.
ކޮމެންޓު ފޮނުވާ