ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ފުރާވަޑައިގެންފި

Author
ހުސައިން
09 ޖޫން 2025 04:55
0

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރާއްޖެ އެނބުރި ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ. ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ފުރާވަޑައިގެންފައި ވެއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުގެ ޚާއްސަ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު މި ދަތުރުފުޅު ކުރެއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސް އެނބުރި ފުރާވަޑައިގަންނަވާއިރު ޖިއްދާ އެއާޕޯޓުގައި ޖިއްދާގެ ގަވަރުނަރު ޕްރިންސް ސައުދު ބިން އަބްދުﷲ ބިން ޖަލަވީ އަލް ސައުދު ވަނީ ރައީސަށް މަރުޙަބާ ދަންނަވާ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ސައުދީ ސަރުކާރުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލްރާބިއާއާ ވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސް މުއިއްޒަކީ ރާއްޖޭގެ ރައީސެއްގެ ހައިސިއްޔަތުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ފުރަތަމަ ރައީސެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ވަރަށް މުހިންމު ދަތުރުފުޅެއް ކަމުގައި ސަރުކާރުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.