ގައްޒާއަށް އިންސާނީ އެހީ ގެންދިޔަ އުޅަނދު އިސްރާއީލުން ހިފަހައްޓައިފިއެވެ. ސުވީޑަންގެ މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ޓުންބާގް އާއި އިތުރު 11 މީހުން ތިބި "މަދްލީން" ނަން ދީފައިވާ މި އުޅަނދަކީ ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ ބައެއްގެ ގޮތުގައި ދަތުރުކުރި އުޅަނދެކެވެ.
މި އުޅަނދުގައި ގެންދިޔައީ ކުޑަކުދިންގެ ކާނާއާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ތަކެތި ފަދަ އިންސާނީ އެހީގެ ތަކެތި ކަމަށް ފްލޮޓިލާގެ ފަރާތުން ބުނެފައިވެއެވެ. އުޅަނދުގެ މަޤުޞަދަކީ އިސްރާއީލުން ގައްޒާގެ މައްޗަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެންނަ މަސައްކަތްކުރުމެވެ.
އިސްރާއީލުގެ ބާރުތަކުން އުޅަނދުގެ ދަތުރުގެ މިސްރާބު ބަދަލުކުރުމަށް އެންގުމަށްފަހު، އެ އެންގުމަށް އިޖާބަނުދިނުމުން އުޅަނދަށް އަރައި ކޮންޓްރޯލް ކޮށްފައިވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން މި އުޅަނދު ހިފަހައްޓާފައިވަނީ ބައިނަލްއަޤްވާމީ ކަނޑުގައި އުޅަނދު ވަނިކޮށެވެ. މިހާރު އުޅަނދު ގެންދަނީ އިސްރާއީލުގެ ބަނދަރަކަށް ކަމަށާއި، އުޅަނދުގައި ތިބި އެންމެން އަނބުރާ އެމީހުންގެ ގައުމުތަކަށް ޑީޕޯޓު ކޮށްލާނެކަމަށް ލަފާކުރެވެއެވެ.
ޓުންބާގް މި ދަތުރުގައި ބައިވެރިވީ ގައްޒާގެ ބްލޮކޭޑްއަކީ "އިންސާނިއްޔަތާ ޚިލާފު އަދި ޤާނޫނާ ޚިލާފު" ކަމެއް ކަމަށް ބުނެ، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ކަމަށް އޭނާ ބުނެފައިވެއެވެ. ހަމަލާ ދިނުމުގެ ކުރިން ރެކޯޑުކޮށްފައިވާ ވީޑިއޯއެއްގައި ޓުންބާގް ވަނީ އެމީހުން "ބައިނަލްއަޤްވާމީ ކަނޑުގައި ވަގަށްނެގިފައިވާ" ކަމަށް ބުނެ، އިސްރާއީލުން ގަސްދުގައި ގައްޒާގެ އާބާދީ ބަނޑަށްޖައްސަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ މި ފްލޮޓިލާއަކީ "ހަމާސްގެ ޕްރޮޕެގަންޑާއެއް" ކަމަށް ބުނެ، އިސްރާއީލުގެ އަސްކަރިއްޔާއިން އުޅަނދާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ހުއްދަ ދީފައެވެ.
މީގެ ކުރިން މޭ މަހު ފްލޮޓިލާއިން ކުރި އެހެން މަސައްކަތެއް ނާކާމިޔާބުވެފައިވަނީ މޯލްޓާ ކައިރީގައި މިޝަންގެ އުޅަނދަކަށް ސިއްރު ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. މޯލްޓާ އާއި ޕަލާއު އިން ވެސް މި މިޝަންގެ ކުރިއެރުމަށް ހުރަސްތައް ކުރިމަތިކޮށްފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. ޑްރޯން ހަމަލާ ދިނުމުގެ ކުރިން ދުވަސްތަކެއްގެ ތެރޭގައި ޕަލާއު އިން ވަނީ އުޅަނދުގެ ދިދަ ރަޖިސްޓްރޭޝަން ބާޠިލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ރައްދުތައް ވަނީ ދެބައިވެފައެވެ. ފަލަސްޠީނަށް ތާއީދުކުރާ ގްރޫޕްތަކުން މި މިޝަނަށް ތަޢުރީފުކޮށްފައިވާއިރު، އެމެރިކާގެ ސެނެޓަރ ލިންޑްސޭ ގްރާހަމް ފަދަ ފަރާތްތަކުން މި މިޝަން ދެކެފައިވަނީ ފާޑުކިޔުމުގެ ނަޒަރަކުންނެވެ.
ކޮމެންޓު ފޮނުވާ