މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ސ. މަރަދޫފޭދޫ ނަސީމީހިޔާ، އުމުރުން 46 އަހަރުގެ މުހައްމަދު ޝާނީޒް، ޝަރީއަތް ނިމެންދެން ޓެގް އަޅުވައިގެން ދޫކޮށްދިނުމަށް އެދިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ. އޭނާގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ހަތަރު ދައުވާ ކުރެވިފައިވާއިރު، ޖުމްލަ ހަ ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ.
ޝާނީޒާއި އެކު މި މައްސަލައިގައި މ. ސައިރިއަސް، އުމުރުން 39 އަހަރުގެ މުހައްމަދު ތިބާގާއި، ވ. ރަކީދޫ، ޖަންބުގޭ، އުމުރުން 35 އަހަރުގެ ފަރީދާ އަބްދުއްރަހުމާން ވެސް ހައްޔަރުކުރެވުނެވެ. ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޔުނިޓުން ގުޅިގެން މާފަންނުގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން، ދޮޅު ކިލޯ މަސްތުވާތަކެއްޗާއެކު މި ތިން މީހުން ހައްޔަރުކުރެވުނެވެ.
ޝާނީޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި، ޓްރެފިކްކުރުން ހިމެނެއެވެ. ކްރިމިނަލް ކޯޓުން މިއަދު އިއްޔެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައިވާއިރު، ތުހުމަތުތަކަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މިހާރު މި މައްސަލަ އޮތީ ރެޖިސްޓްރޭޝަން މަރުހަލާގައި ކަމަށާއި، ސެކްޝަނެއް ކަނޑައެޅިފައި ނުވާ ކަމަށް ކޯޓުން ބުނެއެވެ. ޝާނީޒުގެ ވަކީލު، ޝަރީއަތް ނިމެންދެން ބަންދު ނުކޮށް، ޝަރުތުކޮށް ޓެގް އަޅުވައިދިނުމަށް އެދިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ މެއިމަހު ފަށާފައިވާ ޕްރޮގްރާމެއްގެ ދަށުން، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން އިލެކްޓްރޯނިކް ޓެގް އަޅުވައި ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ބަންދަށް ލުއި ނުދެވޭނެ ކަމަށް ބުނެފައިވެއެވެ.
ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކޮށްފިނަމަ، އުމުރު ދުވަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ފެށިގެން 10،000،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ބައިވެރިވެއްޖެނަމަ، 18 އަހަރު ޖަލަށްލުމާއެކު 75،000 ރުފިޔާއިން ފެށިގެން 7،500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ