ޕެނަލްޓީގައި ސްޕެއިން ބަލިކޮށް ޕޯޗުގަލް ދެވަނަ ފަހަރަށް ނޭޝަންސް ލީގު ކާމިޔާބުކޮށްފި

ޕެނަލްޓީގައި ސްޕެއިން ބަލިކޮށް ޕޯޗުގަލް ދެވަނަ ފަހަރަށް ނޭޝަންސް ލީގު ކާމިޔާބުކޮށްފި

Author
ހުސައިން
09 ޖޫން 2025 08:44
0

ޖަރުމަނުގެ އެލިއަންޒް އެރީނާގައި ރޭ ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ޕޯޗުގަލް އިން ސްޕެއިން ޕެނަލްޓީ ޝޫޓްއައުޓުގައި 5-3 އިން ބަލިކޮށް، ދެވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ފުރިހަމަ ވަގުތާއި އިތުރު ވަގުތު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެފައެވެ.

ޔޫރޯ 2024 ގެ ޗެމްޕިއަން ސްޕެއިން މެޗުގެ ކުރީކޮޅު ޑޮމިނޭޓް ކުރިއިރު، 21 ވަނަ މިނެޓުގައި މާޓިން ޒުބިމެންޑީ ޖެހި ލަނޑަކުން އެ ޓީމު ލީޑު ނެގިއެވެ. ނަމަވެސް ޕޯޗުގަލްގެ ނޫނޯ މެންޑޭޒް 26 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް 45 ވަނަ މިނެޓުގައި މިކެލް އޮޔަރްޒަބާލް ޖެހި ލަނޑަކުން ސްޕެއިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި ކުޅުން ވަރުގަދަކޮށްގެން ޕޯޗުގަލް އިން 63 ވަނަ މިނެޓުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑަކުން ނަތީޖާ އަނެއްކާވެސް ހަމަހަމަ ކުރިއެވެ. މިއީ ގައުމީ ޓީމަށް ރޮނާލްޑޯ ޖެހި 138 ވަނަ ލަނޑެވެ.

ދެ ޓީމަށް ވެސް އިތުރު ލަނޑެއް ޖަހަން ނުކުމެ، މެޗު ޕެނަލްޓީ ޝޫޓްއައުޓަށް ދިޔައެވެ. ޕެނަލްޓީގައި ޕޯޗުގަލްގެ ފަސް ކުޅުންތެރިން ވެސް ލަނޑު ޖެހިއިރު، ސްޕެއިންގެ ތިން ކުޅުންތެރިން އެކަނި ލަނޑު ޖެހުމުން ޕޯޗުގަލަށް މޮޅު ލިބުނެވެ.

މި ކާމިޔާބީއާއެކު ޕޯޗުގަލް ވަނީ ނޭޝަންސް ލީގުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ހަމަޖެހިފައެވެ. 2019 ގައި އެންމެ ފުރަތަމަ ބޭއްވި ނޭޝަންސް ލީގު ވެސް ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ. މި މުބާރާތުގެ ތާރީޚުގައި ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ޕޯޗުގަލް އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.