ރައްޓެއްސަކު ދިންކަމަށް ބުނި ސައިކަލަކީ ވަގަށް ނެގި ސައިކަލެއް؛ ތުހުމަތުގައިވާ މީހާ 15 ދުވަހަށް ބަންދު

ރައްޓެއްސަކު ދިންކަމަށް ބުނި ސައިކަލަކީ ވަގަށް ނެގި ސައިކަލެއް؛ ތުހުމަތުގައިވާ މީހާ 15 ދުވަހަށް ބަންދު

Author
ހުސައިން
08 ޖޫން 2025 01:02
0

ސައިކަލެއް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ސ.ހިތަދޫ، ތޫނުފިލިގެ، މުހައްމަދު ޝަފީއު (42 އަހަރު) ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ހުށަހެޅި ހެކިތަކުން ޝަފީއު ސައިކަލު ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މިންވަރު ސާބިތުވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ޝަފީއު ހިފެހެއްޓުމަށް ދިމާވި ސަބަބު ބަޔާންކުރުމުގައި، ސައިކަލަކީ ރައްޓެއްސަކު ދުއްވާލަން ދިން އެއްޗެއް ކަމަށާއި، އެއީ ވަގަށް ނެގި އެއްޗެއްކަން ނޭނގޭ ކަމަށް ދެއްކި ވާހަކަ ކޯޓުގައި ފާހަގަކުރެވިފައިވެއެވެ. ނަމަވެސް މައްސަލަ ތަހުޤީޤުކުރި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ހާޒިރުވެ ދިން މަޢުލޫމާތުގައި، ޝަފީއު ބުނާ ރައްޓެއްސަކީ ކާކުކަން ނުވަތަ އެ މީހަކާ ގުޅޭނެ ގޮތެއް ޝަފީއުއަށް ސާފުކޮށްދެވިފައި ނުވާކަން ހާމަވިއެވެ.

ޝަފީއުގެ ކުށުގެ ރެކޯޑަށް ބަލާއިރު، މިދިޔަ މަހުގައިވެސް ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަމުން ދަނިކޮށް ހައްޔަރުކުރެވިފައިވާކަން ފުލުހުންގެ ރެކޯޑްތަކުން އެނގެއެވެ. މިއީ މިފަދަ ކުށްތަކުގެ ތަކުރާރުވަމުންދާ ރެކޯޑެއް އޮތް މީހެއްކަން ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޯޓުން ނިންމާފައިވާ ގޮތުގައި ޝަފީއު ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށާއި، މައްސަލައިގައި ޝަފީއު ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާކަމަށް ބުނެފައިވާތީ، ވަކީލެއް ނެތި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. މި މައްސަލައިގެ ތަހުޤީޤު ފުރިހަމަކޮށް ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.