ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ރައްޔިތުންގެ ސިއްހަތާއި ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ނުހަނު އިސްކަންދޭންޖެހޭ ކަމެއް: ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ރައްޔިތުންގެ ސިއްހަތާއި ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ނުހަނު އިސްކަންދޭންޖެހޭ ކަމެއް: ރައީސް

Author
ހުސައިން
07 ޖޫން 2025 01:33
0

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައްޔިތުންގެ ސިއްހަތާއި ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅޭގޮތުން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

މިއަދު ފާހަގަކުރާ މި ޚާއްޞަ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި މެސެޖްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން ހިފެހެއްޓުމަކީ ހަމައެކަނި ދުވަހަކު ފާހަގަކޮށްލާނެ ކަމެއް ނޫން ކަމަށާއި، މިއީ ކޮންމެ ދުވަހަކު ކޮންމެ ފަރުދަކު ސަމާލުކަން ދޭންޖެހޭ މުހިންމު މައްސަލައެއް ކަމަށެވެ.

"ކާބޯތަކެތީގެ ރައްކާތެރިކަން: ޢަމަލީ މައިދާނުގައި ސައިންސް" މިއީ މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރު ކަމަށް ރައީސް ހާމަކުރެއްވިއެވެ. މި ޝިއާރުގެ ބޭނުމަކީ ކާބޯތަކެތިން ފެތުރޭ ބަލިތައް ދެނެގަނެ، އެ ބަލިތައް ކޮންޓްރޯލްކުރުމުގައި ސައިންޓިފިކް ހެކިތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅު އެޅުމުގެ މުހިންމުކަން އުފާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ރައީސް އިތުރަށް ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ސަރުކާރުން އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ފާސްކޮށް، މީގެ އަހަރެއް ކުރިން ރައީސް މުއިއްޒު ތަސްދީގުކުރެއްވުމެވެ. މި ޤާނޫނުގައި ހިމެނެނީ ރާއްޖޭގައި އުފައްދާ، ބޭނުންކުރާ، އިމްޕޯޓުކުރާ އަދި އެކްސްޕޯޓުކުރާ ހުރިހާ ކާބޯތަކެއްޗަކީ ސިއްހަތަށް ރައްކާތެރި، ފައިދާހުރި އަދި އާންމު ސިއްހަތަށް ނުރައްކާ ނުވާނެ ތަކެތިކަން ޔަޤީންކުރުމަށް ބޭނުންވާ ހަރުދަނާ އުސޫލުތަކާއި މިންގަނޑުތަކެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫންކަމަށާއި، މިއީ މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަންޖެހޭ ޤައުމީ ވާޖިބެއް ކަމަށް ރައީސް މުއިއްޒު ފާހަގަކުރައްވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.