ސަރުކާރުން ތައާރަފުކުރާ އިލެކްޓްރިކް ޓެކްސީ ލައިން ޚިދުމަތުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ. މި ޚިދުމަތުގައި ބޭނުންކުރާނެ އީވީ ޓެކްސީތައް ޕާކުކުރުމަށް ޓަކައި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ވަކި ސަރަހައްދެއް ވަނީ ކަނޑައަޅައި ތައްޔާރުކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މި ސަރަހައްދަށް ޒިޔާރަތްކުރައްވައި ވިދާޅުވީ، މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި މި ޚިދުމަތް ފެށުމަށް ހުރިހާ ތައްޔާރީތަކެއް ފުރިހަމަވަމުންދާ ކަމަށެވެ. މި މަޝްރޫޢު ހަވާލުކުރެވިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ޓެކްސީތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދައި ހަމަޖައްސާފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ޓެކްސީ ލައިނަށް ބޭނުންވާ މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތާއި، އުޅަނދުތައް ޗާޖުކުރާނެ ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށެވެ. މި ޚިދުމަތުގައި ހިމެނޭނީ 100 ޕަސެންޓް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކެވެ.
ޚިދުމަތް ފެށޭއިރު ޖުމްލަ 100 ޓެކްސީ ހިމެނޭނެ ކަމަށާއި، ތަފާތު ސައިޒުގެ ހަތަރު ބާވަތެއްގެ އުޅަނދު ހިމެނޭނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މީގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ފަސޭހައިން ވަދެވޭ ސައިޒުގެ ކާރު ވެސް ހިމެނޭނެއެވެ.
ކުރިއަށް އޮތްތަނުގައި މި ފްލީޓަށް އިތުރު އުޅަނދުތައް އިތުރުކުރެވި، ޚިދުމަތް ފުޅާކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. މިއީ ރާއްޖޭގައި ޤާއިމުކުރެވޭ ފުރަތަމަ ސަރުކާރު ޓެކްސީ ލައިން ޚިދުމަތް ކަމުން، މި ޚިދުމަތުން ރައްޔިތުންނަށް ފަސޭހަ އަދި އެކަށީގެންވާ އަގެއްގައި ދަތުރުފަތުރުގެ ޚިދުމަތް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ